ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖައްސާލިތާ 2 އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު، މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ މީހަކު ހުރި ނަމަ، އެމީހަކީ އެއްވެސް އެކުވެރިއަކު ނެތް މީހެއް ކަމަށް އުތުރު ކޮރެއާގެ ޑޮކްޓަރަކު ވިދާޅުވުމާ ގުޅިގެން، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.

މިހާތަނަށް ކޮވިޑް ނުޖެހި ހުރީވިއްޔާ އެމީހެއްގެ ރައްޓެއްސަކުނެތީ ކަމަށް ވިދާޅުވީ، ދެކުނު ކޮރެއާގެ ވެކްސިން ސޮސައިޓީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި، ޑރ މާ ސަންގް-ހިޔުކް، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

ދެކުނު ކޮރެއާގެ ވެކްސިން ސޮސައިޓީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި، ޑރ މާ ސަންގް-ހިޔުކް / ފައިލް ފޮޓޯ: ޔާހޫ

ގިނަ ބަޔަކު ޝެއާ ކޮށްފައިވާ އެ ޕޯސްޓްގައި ޑރ މާ ވަނީ، މިހާތަނަށް ކޮވިޑް ނުޖެހި ހުރި މީހަކީ އެކަކު އަނެކަކާ ގުޅުން ބަދަހި ކުރުމުގެ ދާއިރާގައި "މައްސަލަތަކެއް" ހުރި މީހެއް ކަމަށް ސިފަކުރައްވާފައެވެ.

ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވާން ފެށުމާއެކު، ޑރ މާ މިހާރު ވަނީ އެ ޕޯސްޓް ޑިލީޓް ކުރައްވާފައި ވާ ކަމަށް ހަބަރު ލިބެއެވެ. އަދި އޭނާ އެ ފަދަ ޕޯސްޓެއް ކުރެއްވީ ސަމާސާ އަދަބުގެ ރޫހެއްގައި ކަމަށާއި ނަމަވެސް މީހުންނަށް އެކަން ފަހުމް ވުމުގައި އޮޅުންތަކެއް އެރީ ކަމަށްވެސް ޑރ މާ ވަނީ ވިދާޅުވެފައެވެ.

އެ ޕޯސްޓްގައި ވިދާޅުވާން މަސައްކަތް ކުރެއްވީ ސަރަހައްދެއްގައި ހަލުވިކަމާއެކު ބަލި ފެތުރެމުން ދާއިރު އެ ވައިރަހުން ސާލަމަތް ވެ ހުރުމަކީ ކިހާ އުނދަގޫ ކަމެއް ކަން ކަމަށް ޑރ މާ ވިދާޅުވިއެވެ. އޭނާ އެ ޕޯސްޓް ކުރެއްވީ، ދެކުނު ކޮރެއާއިން ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތަކެއް ފެނުނު ދުވަހެއްގައެވެ.