ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން މީގެ މަހެއް ކުރިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައާ ދެކޮޅަށް، ހުދު ރަޝިއާގައިވެސް ކުރާ މުޒާހަރާތައް މަދެއް ނޫނެވެ.

ޕޫޓިންގެ އަމުރުފުޅަށް ކުރަމުން ދާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާ ފަރާތްތަކުން މިހާރު ވަނީ، ރަޝިއާގެ ދިދަ ބަދަލުކޮށް، ގައުމީ ދިދައެއްގެ ގޮތުގައި މުޅިން އާ ދިދައެއްވެސް ޕްރޮމޯޓް ކުރަން ފަށާފައެވެ.

ޕޫޓިންގެ ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ގެންގުޅޭ އާ ދިދައަކީ ރަޝިއާއިން މިހާރު ބޭނުން ކުރާ ދިދައާ ދާދި އެއްގޮތް ދިދައެކެވެ. ތަފާތަކީ، ދިދައިގެ އެންމެ ތިރީގައި ވާ ރަތް ފަށް، ހުދު ކުލައަށް ބަދަލު ކޮށްފައި ވާ ކަމެވެ.

ރަމްޒީ މާނައެއްގައި "ލޭ ފޮހެލަނީ"އެވެ. ރަޝިއާގައި ދިދަ، ލެއިން ސާފު ކުރުމުގެ މާނާގައި ތައްޔާރު ކުރި އާ ދިދަ، މުޒާހަރާތަކުގައި ބޭނުން ކުރާތީ ދަނީ ފެންނަމުންނެވެ. އެ ދިދަ ރަމްޒު ކޮށްދެނީ، ޔޫކްރައިންގެ ހަނގުރާމައަށް ތާއީދު ނެތް ކަމެވެ.

ރަޝިއާގެ ގައުމީ ދިދައިގެ އާ ފަރުމާއާށް ތައުރީފު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެއީ އުއްމީދު ގެނުވަނިވި ދިދައެކެވެ. ކުރިއަށް އޮތް ޖީލުތަކަށްޓަކާ އާ ރަޝިއާއެއް އުފެދިދާނެ ކަމުގެ އުއްމީދު ދޭ ދިދައެކެވެ. އަދި ސުލްހައަށްޓަކާ އާ މަގުތަކެއް ކޮށިގެންދާނެ ކަމުގެ އުއްމީދު ގެނުވާ ކަމަށްވެސް ބުނެފައިވެއެވެ. ހަނގުރާމައިގެ ތެރޭގައި ޔޫކްރައިންނަށް ތާއީދު ކުރުމުގެ ގޮތުން ޔޫކްރައިންގެ ދިދައެއް ދަމާލުމުގެ ބަދަލުގައި، ހުދު-ނޫ-ހުދަށް ބަދަލު ކޮށްފައި ވަ ރަޝިއާގެ ދިދަ ބޭނުން ކުރުމުގެ ބާރު ގަދަ ކަމަށްވެސް ބުނެއެވެ.