ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ފަހު، ވަކީލުކަން ކުރުމުގެ ދާއިމީ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ބާ އިމްތިހާނު ފުރިހަމަކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެދި އެމްއެންޕީން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބާ އިމްތިހާނު އޮންނާނީ އަންނަ މޭ / ޖޫންގައެވެ. އެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ވަކީލަކުވެސް 10،000ރ ދައްކަން ޖެހޭއިރު، އެކަމާ ގުޅިގެން ބައެއް ގާނޫނީ ވަކީލުންނާއި ވަކީލުކަން ކިޔަވާ ކުދިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ވަކީލުކަން ކިޔަވާ ބައެއް ދަރިވަރުންނާއި ވަކީލުން ސޯޝަލް މީޑިއާގައި އެ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށްފައި ވެއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެމްއެންޕީން ބުނީ، މީގެ ގާތްގަނޑަކަށް ތިން އަހަރުކުރިން 2019 ގައި ރާއްޖޭގެ ފަންނީ ގާނޫނަށް އަމަލުކުރަން ފެށިފަހުން ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކުރުމަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

އެމްއެންޕީން ބުނިގޮތުގައި ބާ އިމްތިހާން ފުރިހަމަކުރުމަށްޓަކައި 10،000ރ ކަނޑައެޅުން އެއީ އިންސާފެއްނޫނެވެ. ހަމަ އެހެންމެ ފީގެ ގޮތުގައި 10،000ރ ކަނޑައަޅައި ކުއްލި ގޮތެއްގައި އެ އަދަދަށް ފައިސާ ދެއްކުމަކީ އިމްތިހާނުގެ ބައިވެރިންނަށް މާލީ ބޮޑު ބުރައަކަށް ވާނެކަމަށްވެސް އެ ޕާޓީން ބުންޏެވެ.

"ގިނަ ފަރާތްތަކަކީ ތައުލީމް ހާސިލްކުރުމަށް ލޯނު ނަގައިގެން ތައުލީމް ފުރިހަމަކޮށްފައިވާ ފަރާތްތަކެއް ކަމަށްވާއިރު، މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން އެ ފަރާތްތަކާ މަޝްވަރާކުރެވި، ފައިސާ ދެއްކުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަކީ މުހިންމު ކަމެކެވެ." އެމްއެންޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ގާނޫނީ ވަކީލުންނަށް ހާއްސަ ގާނޫނެއް އޮތުމުގެ ބޭނުމަކީ ވަކީލުން ކުރާ މަސައްކަތްތަކާ ގުޅޭ ފަންނީ އެންމެހާ ކަންކަން ރެގިއުލޭޓްކޮށް، ވަކީލުންނަށް ތަމްރީނުދީ، ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުން ކަމަށްވާއިރު، އެކަމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ބާ ކައުންސިލާ ކަމަށް ވީހިނދު، އެ ޒިންމާތައް އަދާކުރުމަށްޓަކައި އެކަށީގެންވާ ބަޖެޓެއް އެ ކައުންސިލަށް ދިނުމަށް އެމްއެންޕީން ވަނީ ގޮވާލައިފައެވެ.

އަދި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައި އެމްއެންޕީގެ ފަރާތުން ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުން ދާ ކަމަށް ބުނެއެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި މަޖިލީހަށްވެސް މައްސަލަ ހުށަހަޅާފައި ވާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އޭގެ އިތުރުން، ސަރުކާރުން ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ބާ އިމްތިހާނުގެ ފީ ހިމެނުން މުހިންމު ކަމަށް ދެކޭ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ވަކީލުކަމުގެ ހުއްދަ ހޯދަން ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 2019 ގައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އިމްތިހާން ނުބޭއްވުމުގެ ސަބަބުން 283 ވަކީލުންނަށް ވަގުތީ ލައިސަންސެއް ދޫކޮށްފައި ވެއެވެ.

ބާ އިމްތިހާނުގައި މައިގަނޑު ހަ ބައެއް އޮވެއެވެ. އެއީ ޓޯޓް ލޯ، ކްރިމިނަލް ޕްރޮސީޖާ، ކޮންސްޓިޓިއުޝަނަލް ލޯ، ކޮންޓްރެކްޓް ލޯ، ލޭންޑް ލޯ، އަދި މޯލްޑިވިއަން ލީގަލް ސިސްޓަމެވެ.