ރާއްޖެއިން ކޮވިޑް-1 9އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 176،993 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހު 14 އިން 26 ވަނަ ދުވަހަށް ޖުމްލަ 2342 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން 184 މީހަކާއި މީހުން އުޅޭ ރަށްތަކުން 1938 މީހެކެވެ. މި މުއްދަތުގައި ކޮވިޑުގައި މަރުވެފައި ވަނީ އެންމެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 176،993 މީހަކަށް ކޮވިޑް ބަލި ޖެހިފައި ވާއިރު މި ބަލީގައި 298 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް ފެތުރެން ފެށުމުން މާޗު 12، 2020 ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 13 ވަނަ ދުވަހު ވަނީ އުވާލާފައެވެ. އަދި އެއަށްފަހު ވަނީ ލުއިތަކެއްވެސް ދީފައެވެ.

އެގޮތުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންނާއި ދިވެހިން ޕީސީއާރް ޓެސްޓު ހަދަން ނުޖެހޭނެ ގޮތަށް ވަނީ އުސޫލަށް ބަދަލުގެނެސްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް 19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތައް (ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭ ގޮތަށް) ދަތުރުކުރާ އިރު މިހާރު ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ނިންމާ ބަލި ފެތުރޭ ރޭޓް 20 ޕަސެންޓަށް ނާރާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ނުވާ ގޮތަށްވެސް ވަނީ ނިންމާފައެވެ.