ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބާއެކު ޑީލް ހެދީ އެމްޑީޕީގެ ވެރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އިން ޝަރީފަށް އެކިފަހަރު މަތިން ޖުމްލަ 88.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެސްޓް ރިކަވަރީ ކޮމިޝަނުން ނެރުނު ރިޕޯޓަކުން ވަނީ ދައްކާފައެވެ.

އެރިޕޯޓަށް ރިއާޔަތްކުރަމުން އާންމުންގެ މީހަކު ދެއްކި ވާހަކައަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ އޭނާއަކީ އަދީބާ އެކު ޑީލް ހައްދަވައިގެން އެކައްޗެއް ވެސް ހޯއްދެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ އެމްޑީޕީގެ އިސް ވެރިއެއް ވެސް ނޫން ކަމަށާއި، ހެދި ޑީލެއް ހެދީ އެމްޑީޕީގެ ވެރިން ކަމަށެވެ.

އެ ހިޔާނާތާއި ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން ހެދި ރިޕޯޓު ބުނާ ގޮތުން މަޖިލީސް ކެމްޕެއިނަށް 6 ލައްކައާ 8 ލައްކައާ ދެމެދުގެ އަދަދަކަށް އަދީބު ވަނީ ފައިސާ ހަރަދު ކުރައްވާފައެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސަކަށް މަސީހު ގެނައުމަށް ބޭނުންވަ 10 ވޯޓެއް ހޯދަން ދެފަހަރެއްގެ މަތިން 10 މިލިއަން ރުފިޔާ ޝަރީފަށް ދިންކަމަށް އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް 20 މިލިއަން ޝަރީފަށް ދެއްވި ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް 30 މިލިއަން، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުގެ ކުރިން 2 މިލިއަން ރުފިޔާ، ކޮމިޓީ މަރުހަލާއަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން 3 މިލިއަން، ބިލް ފާސްކުރި ދުވަހު 5 ލައްކަ އަދި އެ ބިލް އަދީބު ބޭނުންވެވަޑައިގެންނެވި ގޮތަށް ފާސްކޮށްދިނުމުން 1 މިލިއަން އާއެކު ޖުމުލަ 6.5 މިލިއަން ޝަރީފަށް ދެއްވި ކަމަށް އަދީބު ވިދާޅުވެފައި ވެއެވެ.

އަދި 2015 ވަނަ އަހަރުގެ ތެރޭގައި އަދީބު ވިދާޅުވެގެން ޝަރީފަށް 2 މިލިއަން ރުފިޔާ ދިންކަމަށް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ބުނެފައި ވާކަމަށާއި އަދި އިޝްފާހުގެ ބަޔާނުގައި ވެސް މި ވާހަކަ ބުނެފައި ވާކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި އަދީބު ވިދާޅުވެގެން މާވެޔޮމަގު ކައިރިން، 4 މިލިއަން ރުފިޔާ ދިންކަމަށާއި ފައިސާ ދިނީ އިސްފާހު ކަމަށް މޮހޯގެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެއިތުރުން މޮހޯ ޝަރީފަށް 6 މިލިއަން ރުފިޔާ ހަވާލުކުރިކަމަށް މުހައްމަދު ހުސައިންގެ ބަޔާނުގައި ވެސް ވަނީ ބުނެފައެވެ.