ކޮންމެ ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއް އުފައްދި އިރު، އެ ކޮމިޓީ އުފެއްދުމުގެ ބޭނުން ނުފުއްދޭ ނަމަ އެކަން މި ސަރުކާރުން ކުރުމުގެ މާނައެއް ނެތް ކަމަށް ސައިރެކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝާރީފް ވަނީ، މި ސަރުކާރުން ވެފައިވާ ބައެއް ވައުދުތައް ނުފުއްދާ ކަން ފާހަގަ ކުރައްވާ އެކަމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި ދަތިތައް ދިމާވަމުން އަންނަ ކަން ފާހަގަ ކުރައްވާފައެވެ.
ޝަރީފް ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ވެރިކަން ލިބުމަށް ފަހު މަޖިލިސް އިންތިހާބާ ކުރިމަތިލީ އިރު، މަޖިލީހުގެ މެޖޯރިޓީ ހޯދީ ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ރަށްރަށަށް ތަރައްގީ ގެނެސްދޭނެ ކަމުގެ ހުވަފެންތަކެއް ދައްކައިގެން ކަމަށެވެ. އެ ގޮތުން ކައުންސިލްތަކަށާއި އަންހެނުން ބާރުވެރި ކުރުމަށް އުފެއްދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބާރު ދޭނެ ކަމަށް ބުނެ ލާމަރުކަޒު ނިޒާމް ގާއިމްކޮށް އެކަމުން ރަށްރަށަށް ތަރައްގީ ގެނައުމުގެ ނަމުގައި އެމްޑީޕީން ވީ ވައުދު އަދިވެސް ފުރިހަމައަށް ފުއްދައި ނުދޭވެ ކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ދާދި ފަހުން އެމްއެންޕީން ވަނީ ގއ. ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް އަޅިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، އެ ރަށުގެ ކައުންސިލާއި ޑަބްލިއުޑީސީގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.
އެގޮތުން ވިލިނގިއްޔަށް ތަރައްގީ ގެނައުމަށް ޑަބްލިއުޑީސީން ރާވާ ކަންކަން ކުރުމަށް ފައިސާ ނެތް ކަމަށާއި އެ ކޮމިޓީއަށް ބަޖެޓެއް ސަރުކާރުން ދީފައި ނުވާ ކަމަށެވެ. އެގޮތަށް ރާވާ ކަންކަން ކުރުމަށް ދެން ޖެހެނީ ކައުންސިލާ އެކު މަޝްވަރާ ކޮށް ކުރިއަށް ދާން ކަމަށާއި ބައެއް ހާލަތްތަކުގައި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހުމަކީ ވެސް ދިމާވާ ހުރަހެކެވެ. ނަމަވެސް އެ ފަރާތްތަކުގެ ޖަވާބެއް ނުވަތަ އެހީއެއް ނުލިބިއްޖެ ނަމަ، ހިންގަން ރާވާ ކަންކަން ނުކޮށް މަޑުޖައްސާލަން ޖެހޭ ކަމަށާއި މިއީ ތަރައްގީއަށް ކުރާ މަސައްކަތްތައް ހުއްޓުމަކަށް އަންނަ މައިގަނޑު މައްސަލައިގެ ގޮތުގައި ޑަބްލިއުޑީސީން ފާހަގަ ކުރާކަމަށެވެ.
ހަމައެއާއެކު ވިލިނގިލީ ކައުންސިލުން ވެސް ވަނީ މިފަދަ ކަންބޮޑުވުންތަކެއް ފާހަގަ ކޮށްފައެވެ. އެ ގޮތުން ރަށުގެ ބިން ދޫކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ވެސް ލަސްތަކެއް ދިމާވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. ލޭންޑް ޔޫސް ޕްލޭން ހުށަހެޅުމުން އިސްލާހުކުރަން ފޮނުވާލާ ކަމަށާއި، އިސްލާހު ގެނެސް އަނެއްކާ ހުށަހެޅުމުން އިތުރު ބަދަލެއް ގެނައުމަށް ބުނެ ފޮނުވާލައި، ލޭންޑް ޔޫސް ޕްލޭން ވެސް ނުނިންމި ބައެއް މަސައްކަތްތައް ފަސްވެފައި ހުރި ކަމަށް އެ ކައުންސިލުން ބުނެއެވެ.
މަސައްކަތްތައް ކުރުމަށް ބަޖެޓެއް ހަދާފައި ނެތި އަދި އެކަމަށް ބޭނުންވާ ފައިސާ އަށް އެދުމުން އެ ފައިސާ ހަމަނުޖެހޭ މައްސަލައިގައި ޝަރީފް ވިދާޅުވީ، ނަމެއްގައި ޑަބްލިއުޑީސީއެއް އުފައްދައި، އެ ކޮމިޓީއަށް އައްޔަން ކޮށްފައި ތިބި މެންބަރުންނަށް މުސާރަ ސަރުކާރުން ދީފައި ބޭތިއްބުމަކީ އިސްރާފެއް ކަމަށެވެ. އެހެންކަމުން ލާމަރުކަޒު ގާނޫނުގައި ބުނާގޮތަށް ކަންކަން ތަންފީޒު ކުރުމަށާއި ކައުންސިލްތަކަށް ދޭން ޖެހޭ ބާރު ދީގެން މެނުވީ މިކަމަށް ހައްލެއް ނުގެނެވޭނެތީ އެ ބާރު ކައުންސިލްތަކަށް ދިނުމަށް ޝަރީފް ވަނީ މި ސަރުކާރަށް ގޮވާލައްވާފައެވެ.
އެމްއެންޕީން އެކި ރަށްރަށުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރަމުން އަންނަ އިރު، މިފަދަ ޝަކުވާތައް އެ ޕާޓީއަށް ލިބޭ ކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި އެމްއެންޕީއަށް ވެރިކަމަށް އާދެވިއްޖެ ނަމަ، ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ވަގުތުން ވަގުތަށް ކައުންސިލްތަކަށް ބާރުތައް ދޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ރައްޔިތުން މަޖިލީހުގައި އެ ޕާޓިގެ މެންބަރުން މަސައްކަތް ކުރައްވާނެ ކަމަށާއި، އެ ޕާޓީގެ މެންބަރުން ތިއްބަވާ ކޮމިޓީތަކަށް މި މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.