"އިންޑިއާ އައުޓް"އަށް ހުރަސް އަޅާނަމަ ޕީޕީއެމްގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ ވެރިން ވަޒީފާއިން ވަކިކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، ސިފައިންނާއި ފުލުހުން ވެސް ހިދުމަތް ކުރަން ވާނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެފަދައިން މަސައްކަތް ނުކުރެވޭ ނަމަ އެއީ ގައުމަށް ޣައްދާރު ވެވެނީ ކަމަށެވެ.

އަދި ޕީޕީއެމްއަށް 2023 ގައި ވެރިކަން ލިބިއްޖެނަމަ، ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާ ސަލާމަތީ ހިދުމަތްތަކުގެ ފަރާތްތައް މަގާމުން ވަކިކުރައްވާނެ ކަމުގެ އިންޒާރު ޔާމީން ދެއްވިއެވެ.

މިފަސްގަނޑަށް ކުލުނެއް ނެތި، ސިފައިންނާއި ފުލުުހުންގެ ތެރޭގައި މިކަމުގައި ދެކޮޅަށް ތިބި މީހުން މަގާމުތަކުން ވަކިވާނެ. ތިޔަ ބޭފުޅުން ތިމުވައްސަސާތައް ސިޔާސީ ކުރާނަމަ ތިކަމުގެ ޖަވާބުދާރީ ވާންޖެހޭނެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިންޑިއާ އައުޓް ހަރަކާތަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ރައްޔިތުން ގައުމުގެ ހައްގުގައި ނިކުތީ ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ތިބޭ ސަލާމަތީ ހިދުމަތްތަކުގެ މީހުން، އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކުރާތީ ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަނުޖެހުން ހިންގަނީ އިންޑިއާ ސިފައިން އަޑީގައި ތިބެގެންނެވެ. އަދި އެ މީހުން މިތަނުގައި ތިބީ މޫހިއްޕާލައިގެން ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

މިތަން މިހާރު މިއޮތީ އިންޑިޔާގެ ސްޓޭޓަކަށްވެފަ. އިންޑިޔާއިން ބަލަހައްޓަނީ. އިންޑިޔާއިން އެންގީ ރައީސުލްޖުމްހޫރިއްޔާއަށް މުޒާހަރާ ކުރިޔަދީގެން ނުވާނެޔޭ. މީކީ އާދައިގެ ގޮތަކަށް ބުނެލި ވާހަކައެއް ނޫން . އިންޑިޔާ ސަފީރު އެދުހު ގިނަވަގުތު އުޅުއްވީ ރައީސް އޮފީހުގަ. މިއީ އަޅުގަނޑަށް އެނގިގެން ދައްކާ ވާހަކަ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

މީގެ އިތުރުން އިންޑިއާއަކީ ވެސް މައްސަލަތައް ގިނަ ގައުމެއް ކަމަށާއި އެ ގައުމުން އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ޔާމީން ފާހަގަ ކުރެއްވިއެވެ. އެގައުމުގައި ވެސް "މޮޅެތި" މީހުން ތިބި ކަމަށް ގަބޫލުކުރައްވާ ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ގައުމަކީ އެހެން ބަޔަކަށް ކަންކަން ކޮށްދެވޭ ވަރުގެ ގައުމެއް ނޫން ކަމަށެވެ.