އިއްޔެ އިންޑިއާ އައުޓް ކުރަން، ޕީޕީއެމް އިން ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 މީހުންގެ ތެރެއިން 8 މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުން މިރޭ ބުނީ، ދޫކޮށްލި މީހުންގެ ތެރެއިން 6 މީހަކަށް ޝަތުރުތަކެއް ކުރި ކަމަށާއި އަނެއް 2 މީހުނަށް ޝަތުރެއް ނެތް ކަމަށެވެ.

ބާކީ ތިބި 9 މީހުންގެ ތެރެއިން 3 މީހަކަށް 3 ދުވަސް، 3 މީހަކަށް 7 ދުވަސް އަދި 4 މީހަކަށް 2 ދުވަހުގެ މުއްދަު ވަނީ ކޯޓުން ޖަހާފައެވެ.

"ނޭވާހޮޅިއަށް"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މުޒާހަރާއަށް ނުކުތީ އިއްޔެ ހަވީރު 4 ޖެހި އިރުއެވެ. ނަމަވެސް، މުޒާހަރާ ފެށުމުގެ މާ ކުރިން ފުލުހުން، މަގު ބަންދުކޮށްފައި އޮތުމުން ފޯރީގައި މުޒާހަރާ ކުރެވޭ ގޮތް ނުވި ކަމަށް އިދިކޮޅުން ބުނެއެވެ.

އިއްޔެގެ މުޒާހަރާގައި ބައިވެރި ވީ މަދު ބަޔެކެވެ. "ދަ ޕްރެސް" ގެ ނޫސްވެރިން މުޒާހަރާ ކުރި ސަރަހައްދަށް ގޮސް ބެލި އިރު، ޕީޕީއެމްގެ އޮފީހަށް ދެވެން އޮންނަ މަގުގެ ދެކޮޅު ފުލުހުން ބަންދު ކޮށްގެން ތިބުމުން، މުޒާހަރާގެ ބައިވެރިން ތިބީ ކާނިވާ ސްޓޭޖެ ކައިރީގައެވެ. އެތާނގައި 300 އެއްހާ މީހުން ތިބެފައި އެމީހުން މަގުމައްޗަށް ނުކުތުމުން، ހެންވޭރު ޕެޓްރޯލް ޝެޑާއި އެމްޓީސީސީ ސޯމިލާ ހިސާބުން ފުލުހުން އަނެއްކާ މަގު ބަންދު ކުރިއެވެ.

މުޒާހަރާގެ ބައިވެރިންނަށް ފުުލުހުން ހުރަސް އެޅުމުން، ބައެއް ބާއިވެރިން ވަނީ ފުލުހުން އަންގާ އެންގުންތަކަށް ނުބަލައި މުޒާހަރާއައިގެން ކުރިއަށް ގޮސްފައެވެ. އެކަމުގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުންކޮށް ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިދިކޮޅުން އިއްޔެ ބޭއްވި މި އެއްވުމުގައި ބައިވެރިނުވުމަށް ފުލުހުން މިދިޔަ ބުދަ ދުވަހު އިލްތިމާސް ކޮށްފައި ވާއިރު، ފުލުހުން ބުނީ އިދިކޮޅުން ބާއްވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭތީ، އެ އެއްވުމުގައި ބައިވެރިވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.