ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހއ. ތަކަންދޫ އަދި ލ. ފޮނަދޫގައި ކުރިޔަށް ދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާ އެކީ ނިންމާލައިފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތަކަންދޫ ސްކޫލުގައި ވަނީ އައުޓްޑޯ ރީޑިންގ ސަރަހައްދެއް ގާއިމްކޮށް ރަށުގައި ކޮމިއުނިޓީ ފޮތް ހަރުގަނޑުތަކެއް ބަހައްޓާފައެވެ. ތަކަންދޫ ސްކޫލުގެ ތެރޭގައިވާ ހުސް ޖާގަ ވަނީ ފޮތް ހަރުގަނޑު ބަހައްޓާ ހިޔާ ކޮށް ހަޓު ޖަހާފައެވެ. މީގެ އިތުރުން ރަށުގެ އެކި ސަރައްހަދުތަކުގައި ފޮތް ހަރުގަނޑުތަކެއް ވެސް ވަނީ ބަހައްޓާފައެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ތަކަންދޫ އެކުވެރިންގެ ރޫހުގެ ފަރާތުން ބުނީ، މިހާރު ލައިބްރަރީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ސްކޫލު އޮފީސް ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާގެ އަމާޒަކަށް ވީ ދަރިވަރުން ފޮތް ކިއުމަށާއި ކްލާހުން ބޭރުގައި ބާއްވާ ހަރަކާތްތަކަށް އެކަށީގެންވާ ރަނގަޅު ޖާގައެއް ހޯދައި ދިނުން ކަމަށެވެ.

"ސްކޫލު އޮފީހާ ވަކިން މި ސަރަހައްދު ގާއިމްކުރުމުގެ ސަބަބުން މިތަން ވެގެންދާނި ދަރިވަރުންނަށް ފަސޭހަ މާހައުލަކަށް. އަޅުގަނޑުމެން ރަށުގައި ފޮތް ހަދިޔާ ކުރާ ކެންޕޭނެއް ބާއްވާ މި އައުޓްޑޯ ލައިބްރަރީ އަށް އަދި ރަށުތެރޭ ބެހެއްޓިފައި ހުރި ފޮތް ހަރުގަނޑުތަކަށް އިތުރު ފޮތް އެއްކުރުމަށް ވަނީ ހަމަޖެހިފަ."
ތަކަންދޫ އެކުވެރިންގެ ރޫހު

ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ފޮނަދޫގައި ވެސް ވަނީ ސްކޫލު ސަރަހައްދުގައި އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމް ކޮށްފައެވެ. މި ސަރަހައްދަކީ ލާމު އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހާއްސަކޮށް ގާއިމް ކުރެވުނު ސަރަހައްދެކެވެ. މި ސަރަހައްދުގައި ގޮނޑިއާއި މޭޒު އަދި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފައެވެެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފަރާތުން ފާތިމަތު ޝަހީދާ ބުނީ، މިއީ މިރަށަށް ވަރަށް ބޭނުންތެރި ތަނެއް ކަމަށާއި އެ އައުޓްޑޯ ރީޑިން ސަރަހައްދުގެ ސަބަބުން ދަރިވަރުންގެ މެދުގައި ފޮތް ކިއުމަށް ލޯތްބާއި ޝައުގު އުފެދިގެންދާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.