ފުވައްމުލަކު ސިޓީގެ އެއާޕޯޓް މިހާރު އޮތް ވަރަށް ވުރެ ބޮޑު ކުރުމުގެ ވައުދާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެ ސިޓީގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ފުވައްމުލަކަށް އިއްޔެ ވަޑައިގެން ރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވި ގޮތުގައި، އެ ސިޓީގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ބައެއް މަޝްރޫއުތައް ފަށައި، ދެންހުރި މަޝްރޫއުތައް ފެށުމުގެ މަސައްކަތްތައް ކުރިއަށް އެބަދެއެވެ.

"މިރަށުގެ ތަރައްގީއަށްޓަކައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންވީ ވައުދުތަކުގެ ބައެއް މަސައްކަތް ފަށައި، އަނެއްބައި މަސައްކަތްތައް ފެށުމުގެ މަސައްކަތް ކުރިއަށް އެބަދޭ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ފުވައްމުލަކުގައި އޮތް މާހެފުމުގައި ބައިވެރިވި އެ ސިޓީގެ ބައެއް އާންމުން / ފޮޓޯ: ރައީސް އޮފީސް

މިމަހުގެ 10 ވަނަ ދުވަހު ރައީސް ވަނީ ފުވައްމުލަކަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން އެ ސިޓީގެ ކައުންސިލާއި، އެ ސިޓީ ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންނާ މަޝްވަރާ ކުރައްވާފައެވެ. ރައީސް ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ފުވައްމުލަކުގެ އާންމުން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ކައުންސިލާއި މެންބަރުން ހުށަހެޅުއްވި ކަންތައްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ދުވަހު ސިޓީގެ މޭޔަރު އިސްވެ އިންނަވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކުގައި އަޅުގަނޑުމެންނަށް ހުށަހެޅި ކަންތަައްތަކުގެ ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ އަަޅުގަނޑުމެން މި ވަނީ ފަށަން ތައްޔާރުވެފަ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ފުވައްމުލަކުގައި އޮތް މާހެފުމުގައި ބައިވެރިވި އެ ސިޓީގެ ބައެއް އާންމުން / ފޮޓޯ: ރައީސް އޮފީސް

އެގޮތުން، އެންމެ ފުރަތަމަވެސް ރައީސް ފާހަގަ ކުރައްވާފައިވަނީ ފުވައްމުލަކުގެ އެއާޕޯޓް ބޮޑުކުރުމަށް ކައުންސިލުން ހުށަހެޅި ހުށަހެޅުމެވެ. އެމަނިކުފާނު ވިދާޅުވީ، ފުވައްމުލަކު އެއާޕޯޓުގެ ޓެކްނިކަލް ސާވޭއެއް ހެދުމަށް މިހާރު ޕްލޭނިން މިނިސްޓްރީގައި ދަންނަވާފައި ވާނެ ކަމަށާއި، އެ ސާވޭއަށް ފަހު، އެއާޕޯޓް ބޮޑުކުރެވޭނެ ވަރެއް ބަލައި، އެ މިނަކަށް ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ފުވައްމުލަކުގެ އެއާޕޯޓް ބޮޑުކުރަން ޖެހޭ އެއް ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ރާއްޖޭގެ އެތެރޭގެ އުދުހުންތައް އޮޕަރޭޓްކުރާ ބައެއް ކުންފުނިތަކުން ދުއްވާ ބޯޓުފަހަރުގެ ސައިޒް ބޮޑުވުމެވެ.

"މިހާރު މި ރަށުގެ ރަންވޭ އެ އޮތް ވަރުން އެފަދަ ބޯޓުތަކަށް ޖެއްސުމަކީ ދަތިކަމަކަށް ވާނެކަން އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ. އެހެންވީމަ ކޮންމެވެސް ގޮތަކުން އެބަ ޖެހޭ، [ފުވައްމުލަކުގެ] އެއާޕޯޓު ދިގުކުރަން، ބޮޑުކުރަން."
ރައީސް ސޯލިހު

ފުވައްމުލަކުގެ ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ އިތުރު ވައުދުތައް

  • ފުވައްމުލަކުގެ ހައުސިން ސްކީމްގައި ހިމެނޭ 200 ހައުސިން ޔުނިޓްގެ ތެރެއަށް 200 ހައުސިން ޔުނިޓް އިތުރުކުރުން
  • ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު ދެވަނަ ފިޔަވައްސަކަށް ގޮސް، އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުން
  • އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ހިދުމަތްތަކާއެކު 50 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރުން
  • ފުވައްމުލަކުގައި ހަދާފައިވާ ބަނދަރު ބޮޑުކުރުމަށް ސާވޭއެއް ހަދައި، ބަނދަރު ބޮޑުކުރުން
  • ފުވައްމުލަކުން ގިރަމުންދާ ގޮނޑުދޮށް ހިމާޔަތްކުރުން: ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ފައިސާ ހަމަޖެހި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށް
  • ކުޅިވަރު ކުޅޭ ފަރާތްތަކަށް އިންޑޯ ޕޫލަކާއެކު ސްޕޯޓްސް ކޮމްޕްލެކްސް އަކާއި ސިންތަޓިކް ދުވާ ޓްރެކެއް ހެދުން. ޓްރެކް ހެދުމަށް ވަނީ ބިޑް ކުރެވިފައި ކަމަށް ރައީސް ވިދާޅުވި
  • ފުވައްމުލަކުގެ މަސްވެރިން ބާނާ މަސް ގަނެވޭނެ ފަސޭހަ ގޮތެއް ހޯދައިދިނުމަށްޓަކައި މިފްކޯގެ ދަށަށް އެ ރަށުގެ ފެސިލިޓީތައް ބަދަލުކުރުން

މި ވައުދުފުޅުތަކުގެ ތެރެއިން ހައުސިން ޔުނިޓް ތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، 400 ޔުނިޓަކީ އެންމެ އެކަށީގެންވާ އަދަދު ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެހެން ކަމުން މިހާރު ހަމަޖައްސަވާފައި ވާ 400 ޔުނިޓުގެ އިތުރަށް މަސައްކަތް ކުރިއަށް ދާއިރު އިތުރު 400 ޔުނިޓު އިތުރަށް ފުވައްމުލަކަށް ބޭނުންވާ ހައުސިން ޔުނިޓްތައް އިތުރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.