ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން މިއަދު ބޭއްވި "ނޭވާހޮޅިއަށް" އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލަން އެ ކޯލިޝަނުން ގޮވާލައިފިއެވެ.
މިއަދު ހަވީރު އޮތް އެއްވުމުގައި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ލީޑަރު މުހައްމަދު ސައީދާއި، ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނާއި ޑެޕިއުޓީ މޭޔަރު އަދި ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝްގެ އިތުރުން، އިތުރު އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އިދިކޮޅުން ބުނީ، ހައްޔަރުކޮށްފައި ވަނީ 15 މީހުން ކަމަށެވެ.
މިރޭ އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިދިކޮޅުން މިއަދު ހިންގި ހަރަކާތުގައި ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައި ކަމަށެވެ. އެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް އަދުރޭ ގޮވާލައްވާފައި ވެއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި، ހުކުރު ދުވަހުގެ ހަވީރު މި އެއްވުން ބާއްވާނެ ކަމަށް އިދިކޮޅުން އިއުލާނު ކުރުމުން ސަރުކާރުން އެކި ގޮތްގޮތުން އުނދަގޫކޮށްފައި ވެއެވެ. އަދުރޭ އެހެން ވިދާޅުވި އިރު، މިއަދު ކުރިއަށް ދިޔަ އެއްވުމަކީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުމެއް ކަމުން އެ އެއްވުމެއް ނުބޭއްވޭނެ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުންވެސް އެ އެއްވުމާ ގުޅިގެން ބަޔާނެއް ނެރެފައި ވެއެވެ.
ކާނިވާ ސަރަހައްދުގައި މިއަދު އެއްވުން ކުރިއަށް ދިޔައިރު، އެ ސަރަހައްދުގައި ފުލުހުންގެ ބައެއް އުޅަނދުފަހަރު ހަރަކާތްތެރި ވަމުން ދިޔައިރު، އެ ސަރަހައްދުގައި އޮތް ފުލުހުންގެ އުޅަނދެއްގައި ގޮތް ނޭނގޭ މީހެއް ހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ފުލުހުން އަމަލުކުރަމުން ދިޔައީ އެ މީހާގެ އަމުރާ އެއްގޮތަށް ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.
ފުލުހުން މިއަދުގެ އެއްވުން ރޫޅާލިއިރު، އަދުރޭ ވިދާޅުވި ގޮތުގައި އިދިކޮޅުން އެއްވެފައި ވަނީ ގާނޫނަކުން މަނާކޮށްފައި ނުވާ ސަރަހައްދަކަށް ކަމަށެވެ. މިއަދުގެ އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން އަމަލުކުރި ގޮތުން ސަރުކާރު ގޮސްފައިވާ ހިސާބު ފެނިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅުން މިއަދު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުމެއް ކަމަށާއި، ނުރައްކާތެރި ކަންކަން ހިމެނޭ އެއްވުމެއް ކަމަށް ފުލުހުން ބުނެފައި ވާއިރު، އެއި ކޮންކަހަލަ ކަމެއްކަން ފުލުހުން ބުނެފައިނުވާ ކަމަށާއި، އެފަދަ މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ އަރިހު ދެންނެވި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެއްވުން ނިމެންދެން ބޭތިއްބުމަށް ނުވަތަ އެ މައްސަލަ ބެލުމަށް އެދިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ އެ ބަޔަކު އެއްކައިރިކޮށްފަ މި ހަރަކާތް ހިންގަން ތައްޔާރަށޭ." އަދުރޭ ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން ކޮންމެ ފަދަ އަނިޔާއެއް ކޮށްފާނެކަންވެސް މިހާރު އެނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) އިނގިރޭސި ބަހުން ވިދާޅުވީ، މިއަދުގެ އެއްވުމުގައި ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް އެއްވުމުގެ ބައިވެރިން ނުކުރާ ކަމަށެވެ. ހަމަ އެއާއެކު، މި ސަރުކާރު އައި ފަހުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މުންދުއަށް ފަހު އަނެއްކާވެސް ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މިއަދުގެ އެއްވުމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންފައި ނުވަނީ އެމަނިކުފާނުގެ ސެކިއުރިޓީން ހުއްދަ ނުދިނުމުން ކަމަށެވެ.
އަދުރޭ ވިދާޅުވި ގޮތުގައި އިދިކޮޅުން ދެން ނުކުންނާނީ މާ ވަރުގަދަކޮށް، ގިނަ މީހުންނާ އެކުގައި ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވުރެ އިދިކޮޅުން މިވަގުތު އިސްކަން ދެނީ "އިންޑިއާ އައުޓް" ހަރަކާތަށް ކަމަށެވެ.
"އިންޑިއާ ސިފައިން ބޭނުންކޮށްގެންވެސް ދިވެހި ރައްޔިތުން ނުހުއްޓުވޭނެއޭ. މި ހަރަކާތެއް އިބްރާހީމް މުހައްމަދު ސޯލިހަކަށް ނުހުއްޓުވޭނެ." އަދުރޭ ވިދާޅުވިއެވެ.
މިއީ ހިސާބު ޖަހަން ހާދަ މޮޅު މީހެކެވެ. ހަމަ ގައިމުވެސް ޑްރަގް ޑީލަރުންގެ ބާރަވަރަކަށް ހާސް މީހުނެއް މިގައުމަކު ނޫޅޭނެއެވެ. ޖުމްލަ އުޅޭނީ އިއްޔެ އެނުކުތް ވަރަށް ތިންސަތޭކައެއްހާ މީހުންނެވެ.