އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅިގެން ދާ ކަމެއް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު "ރޮއިޓާސް" އަށް ދެއްވި ބަސްދީގަތުމެއްގައި ޔާމީން ވަނީ އިންޑިއާ އާ އެކު ސަރުކާރުން ހަދާފައިވާ ދިފާއާ ގުޅޭ އެއްބަސްވުންތައް އުވާލަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

މާލޭގައި ހުންނަވައި ޔާމީން "ރޮއިޓާސް" އަށް ވިދާޅުވި ގޮތުގައި، އިންޑިއާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ ދިފާއީ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ހުރަސް އެޅެއެވެ.

"އިންޑިއާ އާ އެކު ވެފައިވާ ދިފާއީ އެއްބަސްވުންތަކުގެ ސަބަބުން ހަމައެކަނި ނުރައްކާވަނީ މި ގައުމުގެ ސަލާމަތަށް އެކަންޏެއްނޫން، އޭގެ ސަބަބުން މި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވޭ." ޔާމީން ވިދާޅުވިއެވެ.

"އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުން މުހިންމު، އެހެން ގައުމެއްގެ ބާރަކަށް މި ގައުމުގެ ފަސްގަނޑުން ފުރުސަތު ދޭކަށް އަހަރެމެން ބޭނުމެއްނުވޭ. އަޅުގަނޑު ބޭނުމެއްނުވޭ އިންޑިއާ ކަނޑު، އަދި އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތައް އަސްކަރީ ބާރެއްގެ ދަށުގައި އޮންނާކަށް." ޔާމީން ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާއިން އަސްކަރީ ބާރު ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވާނީ ދުނިޔޭގެ ގަދަ ބާރުތައް ކަމަށްވާ ޗައިނާއާއި އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް އަތްގަދަކުރަން މަސައްކަތް ކުރުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅަށް ރައްދު ދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޮއިޓާސް އަށް ވިދާޅުވީ، އިންޑިއާގެ ސިފައިން ހަރަކާތްތެރިވަނީ އެމްއެންޑީއެފުން ބޭނުންކުރާ ތިން ވައިގެ އުޅަނދު ބެލެހެއްޓުމަށާއި، ސެނަހިޔާގައި ފަރުވާ ދިނުމަށް އެކަނި ކަމަށެވެ.

"އިތުރު އެހެން ބޭރުގެ އަސްކަރީ ބަޔަކު ރާއްޖެއަކު ނެތް." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، ޔާމީން އުވާލައްވަން ގޮވާލައްވާފައިވާ ބައެއް އެއްބަސްވުންތަކަކީ އެމަނިކުފާނުގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުންތަކެކެވެ.

ޔާމީންގެ ވާހަކަފުޅާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް، އިންޑިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެގައުމުގެ ފޮރިން މިނިސްޓްރީން މިދިޔަ އަހަރު ބުނީ، އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރާއްޖެއާއި އެގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށެވެ.

މީގެ ކުރިން، ސިޔާސީ ހަރަކާތްތަކާ ގުޅިގެން އެއްވެސް ވަރަކަށް ބޭރުގެ ނޫހަކަށް ޔާމީން ބަސްދީގަތުމެއް ދެއްވާފައެއް ނުވެއެވެ.