އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން ބާއްވާ "ނޭވާހޮޅިއަށް" އެއްވުން ނުފަށަނީސް، ޕީއެންސީގެ ކައުންސިލް މެންބަރު އެކްޓިވިސްޓް އަދި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހައްޔަރު ކޮށްފިއެވެ.

އެއްވުން ފަށަން ބައިގަޑިއިރަށް ވެފައި އޮއްވާ ނަރީޝް ހައްޔަރުކޮށްފައިވަނީ ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ މީޑިއާތަކަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އިދިކޮޅުން މިއަދު ބާއްވާ މި އެއްވުމުގައި ބައިވެރިނުވުމަށް ފުލުހުން މިދިޔަ ބުދަ ދުވަހު އިލްތިމާސްކޮށްފައިވާއިރު، ފުލުހުން ބުނީ އިދިކޮޅުން ބާއްވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭތީ، އެ އެއްވުމުގައި ބައިވެރިވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

"ނޭވާހޮޅިއަށް"ގެ ނަމުގައި ބާއްވާ މި އެއްވުން ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި އެއްވުމުގައި ބައިވެރިވެ، ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކޮށްދޭ އުޅަނދުފަހަރު ބަލާ ފާސްކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހެން ބުނި ނަމަވެސް، ރާވާފައިވާ އެއްގޮތަށް މިއަދު އެއްވުން ކުރިއަށް ދާނެ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.