ގުދުރަތީ ގޮތުން ހިތްގައުމު މަންޒަރުތަކެއް ލިބިފައި ވީ ނަމަވެސް، އަވަށްޓެރި ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހިންދެމިލާ، ހަމަޖެހުމުގެ ނޭވާއެއް ލާނެ ފުރުސަތެއް ނުލިބޭ ފަދައެވެ.
މީގެ 3 އަހަރު ކުރިއެވެ. އޭޕްރިލް 2019 ގައި، ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 18 ޕަސެންޓް ދަށަށް ދިޔައެވެ. ޖެހިގެން އައީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި 2020 ވަނަ އަހަރެވެ. ސްރީލަންކާއާށް އެތެރެވި ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ އިންތިހާއަށެވެ. ނޮވެމްބަރު 2021ގެ ކުރިން، ހެޔޮ ފާލަކަށް އެޅުމުގެ އިޝާރާތެއްވެސް ނުފެނުނެވެ. އެއީ ކޮވިޑުން ދިފާއުވާން ވެކްސިން ފުރިހަމަ ކޮށްފައި ވާ ފަރާތްތަކުގެ ކަރަންޓީނާ ގުޅިގެން ލަންކާ ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއް އުވާލި ހިސާބުންނެވެ.
އެކަން ވީ، ގައުމަށް ބޭރު ފައިސާ ވަންނަ 3 ވަނައަށް އެންމެ ބޮޑު މަސްދަރު ކަމަށް ވި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު މަރުހަބާގެ ސިގުނަލެއް ކަމުގައި ބެލެވުނެވެ. ލަންކާއަށް އެންމެ ގިނަ އަދަދަކަށް ބޭރު ފައިސާ ވަންނަނީ ގައުމުން ބޭރުގައި މަސައްކަތް ކުރާ ފަރާތްތަކުން ރެމިޓަންސްގެ ގޮތުގައި ފޮނުވާ ފައިސާއާއި އަންނައުނު ވިއްކައިގެންނެވެ.
ތާރީހު ދުށް އެންމެ ފުން އަނދަވަޅު
ނަމަވެސް މި ދަނޑިވަޅަކީ އަނެއްކާވެސް އިންތިހާ މާޔޫސް ކަމާއި ނުތަނަވަސްކަން، ލަންކާގެ ފަޒާ ބަނަކޮށްފައި ވާ ދަނޑިވަޅެކެވެ. ލަންކާއިން މިހާރު ތަޖުރިބާ ކުރަމުން ދާ މާލީ އަދި އިގުތިސޯދީ ކާރިސާއަކީ އެ ގައުމުގެ ތާރީހު ދުށް އެންމެ ގެއްލުން ބޮޑު ކާރިސާއެވެ. ކޮންމެ ދުވަހަކުމެހެން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހެއެވެ. ހަކަތައާއި ކައްކާ ގޭސް ގަތުމަށްޓަކާ، ކޮންމެ ދުވަހަކުވެސް އެތައް ކިލޯމީޓަރަކަށް ދެމިގެންދާ ކިއުތަކުގައި މަޑު ކުރުމަށް، ދޮށީ އުމުރުގެ މީހުންނަށްވެސް އޮތީ މަޖުބޫރުވެފައެވެ.
މިދިޔަ ފެބުރުއަރީ މަހު އިންފްލޭޝަން ރޭޓް ހުރީ 17.5 ޕަސެންޓްގައެވެ. ގައުމަށް މުދާ އިމްޕޯޓް ކުރެވޭ ނިސްބަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ބާޒާރުގައި ތަކެތީގެ ސަޕްލައި ވަނީ އިންތިހާއަށް ހީނަރުވެފައެވެ. މި ހުރިހާ ކަމަކާއެކު އަނެއްކާވެސް އަސަރު ކުރީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާއެކު، އެ ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިންތިހާއަށް ދަށްވަމުންނެވެ. ބޭރުގެ އެކި ފަރާތްތަކަށް ލަންކާއިން ދަރާފައި ވާ ދަރިނަތައް ދައްކާ، ހަލާސް ކުރުމަށާއި އެ ގައުމަށް ބޭނުންވާ ޒަރޫރީ މުދާ ގަތުމަށް، ފަތުރުވެރިންގެ ފަރާތުން ލިބޭ ޑޮލަރަށް އެ ގައުމު ވަނީ ފެންބޮވައިގެންފައެވެ.
ނާށިގަނޑު ހިފައިގެން ނިކުމެ ހޯދާ ފަތުރުވެރިންނަށް ދޭނެ ހިދުމަތެއް ނެތް
މަސްރަހަށް ބެލުމެއް ނެތި ލަންކާއަށް ދަތުރު ކުރާ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްވެސް މިއަދު އެގައުމުގެ ފަތުރުވެރި ސިނާއަތް ދަނީ ފެއިލްވަމުންނެވެ. ގޭހުގެ ދަތިކަން ކުރިމަތިވެފައި ވާއިރު، ބަރޯސާވާން މަޖުބޫރުވަނީ ކަޅުބާޒާރަށެވެ. ކާބޯތަކެތީގެ އަގު އުފުލެމުން ދަނީ ރޮކެޓް ދުވެލީގައެވެ. ފުށާއި އެނޫންވެސް އިމްޕޯޓް މުދާ ލިބުން ވަނީ އިންތިހާ ތަދުވެފައެވެ. މުދާ އިމްޕޯޓް ނުކުރެވޭތާ ލަންކާ ތެރެއިން އިތުރު ވަސީލަތްތައް ހޯދުންވެސް ވަނީ ދަތިވެފައެވެ.
ހަކަތަ ލިބުން ދަތިވެ، 7 ގަޑިއެއްހާރިއަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހެއެވެ. ފަތުރުވެރިން ތިބޭ މަންޒިލްތަކުންވެސްމެއެވެ. ތެޔޮ ނުލިބުމުގެ ސަބަބުން މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ ވަގުތުތައްވެސް ވަނީ ކުޑަކުރަން މަޖުބޫރުވެފައެވެ. ސަޕްލައި ކޮންޓޭނަރުތައް ހުރީ ބަނދަރުގައި ތާށިވެފައެވެ. އެއަށް ދައްކާނެ ފައިސާ ނެތުމުގެ ސަބަބުން ކުލިއަރަންސް ނުލިބިގެންނެވެ.
ހައްލެއް ހޯދަން އެއް ގޮތުން މަސައްކަތް ކުރާ އިރު، އަނެއް ކޮޅުން އެ ދޮރު ބަންދުވެއެވެ. ކަރަންޓުގެ މައްސަލައަށް ހައްލު ހޯދަން، އަތުގައި ހުރި ފައިސާކޮޅު ހުސްކޮށްގެން ޖަނަރޭޓަރެއް ގަނެވިދާނެއެވެ. އެކަމަކު، އެއަށް އަޅާނެ ޑީސަލް ކޮބައިތޯއެވެ؟ ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުން ނާށިގަނޑު ހިފައިގެން ނިކުމެ އުޅެނީ ފަތުރުވެރިއެއްގެ ހައިރާތެއްގެ އުއްމީދުގައެވެ. އެކަމަކު އެ ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ގޮތެއް މިއަދު އެތަންތާކު ނެތެވެ. މިއީ ލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރުވެސް އެ ގައުމުގެ އިގުތިސޯދު ނުވެއްޓޭހާ ފުން، އަނދިރި އަނދަވަޅެކެވެ.
ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ވޭން
މި ހުރިހާ ތަކުލީފެއް އުފުލަމުން ދަނިކޮށް، އެންމެ ފަހުން، ރިހޭ ފައި މައްޗަށް ފޮއެވެސް ވެއްޓުނީއެވެ. އާނއެކެވެ. މީގެ މަހެއްހާ ދުވަސް ކުރިން ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަން ފެށި ހަނގުރާމައިގެ އަސަރު ލަންކާއަށްވެސް ދަނީ ފޯރަމުންނެވެ.
ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާންމުކޮށް ފަތުރުވެރިން ޒިޔާރަތް ކުރަމުން ދިޔައީ އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުން ކަމުގައި ވީ ނަމަވެސް، ކޮވިޑަށް ފަހު ފަތުރުވެރި ކަމުގެ ބާޒާރު ހުޅުވާލުމުން، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރަން ފެށީ އިރުމަތީ ސަރަހައްދުތަކުންނެވެ. ޖެނުއަރީމަހުން ފެށިގެން ފެބުރުއަރީ މަހުގެ މެދަކާ ހިސާބަށް ބަލާއިރު، ލަންކާއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 25 ޕަސެންޓް ހިއްސާ ކުރީ ރަޝިއާއާއި ޔޫކްރައިނުންނެވެ.
ރަޝިއާއިން ކުރަމުން ދާ ހަނހގުރާމައާ ގުޅިގެން ހުޅަނގުގެ ބާރުތަކުން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު، ލަންކާއަށް ދަނީ ފޯރަމުންނެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޓް ކުރާ "ސްވިފްޓް" ޕޭމަންޓް ސިސްޓަމްގެ ތެރެއިން ރަޝިއާއިން ބޭރު ކުރުމާއެކު، އެ ކަމުގެ އަސަރުވެސް ލަންކާއަށް ވަނީ ފޯރާފައެވެ. ޔޫކްރައިންއާއި ރަޝިއާގެ ފަތުރުވެރިންގެ ހުރިހާ ޝައުގެއް ބަންދުވީއެވެ. ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރުމުގެ ކުރިން ލަންކާއަށް އެތެރެވެފައި ތިބި ފަތުރުވެރިންވެސް ބުކިންގްތައް ކެންސަލް ކުރީއެވެ. ފައިސާ ދެއްކޭނެ ގޮތެއް ނެތިގެންނެވެ. ރަޝިއާ ރައްޔިތުންގެ ކާޑުތައް ބޭނުން ނުކުރެވޭތާ، ފައިސާ ނެގޭނެ ގޮތެއްވެސް ނެތުނީމައެވެ.
މަސައްކަތްތެރިން ފުރަގަސްދިނުން
ނަމަވެސް މައިގަނޑު މައްސަލައަކީ ލަންކާގެ ދަހިލީ އިގުތިސޯދީ މަސްރަހުކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ގައުމުތަކުން ދަނީ، އެ ގައުމުތަކުގެ ރައްޔިތުން ސްރީލަންކާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ގޮވާލާ ޓްރެވެލް އެޑްވައިޒަރީތައް ނެރެމުންނެވެ. ލަންކާގެ ހާލަތު އޮތް ގޮތާ މެދު އިންޒާރުވެސް ކުރަމުންނެވެ.
ދެން އޮތީ މަސައްކަތްތެރިން ނުލިބުމުގެ މައްސަލައެވެ. ކޮވިޑް-19ގެ ކުރިންވެސް ލަންކާއިން ދިޔައީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ މީހުން ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންނެވެ. 2018 ވަނަ އަހަރު އެ ގައުމުން ވަނީ، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 100000 އެއްހާ މީހުން، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާކަމަށް ބުނެފައެވެ. އެކަމަކު، ލަންކާއިން އަހަރަކު ތަމްރީނު ކުރަމުން ދިޔައީ 10000 އެއްހާ މީހުންނެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން ދިޔަ ކިތަންމެ ބަޔަކު ވަނީ، އެ ސިނާއަތަށް ކުރިމަތިވާން ފެށި ހީނަރު ކަމާއެކު، އެ ދާއިރާ ދޫކޮށް، އެހެން އަމާޒުތަކަށް މިސްރާބު ޖަހާފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ ޝައުގު ހުރި މީހުން މަދެވެ. މުސާރައިގެ މައްސަލަވެސް ބޮޑީއެވެ.
މިއިން ދުވަހަކުވެސް މި ތަކުލީފުތަކަށް ލުއި ލިބިދާނެ ކަމުގެ އުއްމީދު އަލިކަމެއް ލަންކާއަކު ނެތޭވެސް ދެންނެވިދާނެއެވެ.
ދިވެހި ހާރިޖިއްޔާއަށް ކޮށްދެވޭނެ ކަމެއް ނެތް
ސްރީލަންކާގެ އާންމު ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ދާން ފެށުމުން އެ ގައުމުގެ ބައެއް ރައްޔިތުން ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދާން ފަށާފައެވެ. ރެފިއުޖީންގެ ގުރޫޕުތަކެއް އިންޑިއާއަށް މިހާރު ވަނީ އެތެރެވެފައެވެ.
ރެފިއުޖީންގެ ގޮތުގައި ލަންކާ ރައްޔިތުން ގައުމު ދޫކޮށް، އަވަށްޓެރި ގައުމުތަށް ހިޖުރަ ކުރަން ފަށާފައި ވާއިރު އެފަދަ ހާލަތަކަށް ރާއްޖެ އޮތީ ތައްޔާރަށްތޯއާއި، ލަންކާ ރެފިއުޖީން ބަލައިގަތުމުގައި ރާއްޖޭގެ ވިސްނުން ހުރި ގޮތެއް ބެލުމަށް ދަ ޕްރެސްއިން ދިވެހި ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން، އެކަމަށް ދޭނެ ކޮމެންޓެއް ނެތް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަން ވެރިވެގެން އުޅޭ އެއް ގައުމަށް ވާ އިރު، ލަންކާގެ ތިބި ދިވެހިންގެ ހާލަކީ ކޮބައިތޯއާއި ލަންކާގައި ތިބި ދިވެހިންނަނަށް އެއްވެސް ކަހަލަ އެހީއެއް ފޯރުކޮށްދެމުންދޭތޯ ދަ ޕްރެސްއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދިވެހި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ވިދާޅުވީ، އެއީ ލަންކާގެ ދާހިލީ ކަމެއް ކަމަށެވެ. އަދި އެއީ ލަންކާގެ ރައްޔިތުންވެސް އެ ތަކުލީފުތައް އުފުލަމުން އަންނަ ކަމެއް ކަމަށާ، އެހެންކަމުން، އެކަމުގައި ދިވެހި ހާރިޖިއްޔާއަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.