ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ހުންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި ވަގަށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ޓީވީ އަދި ރޭޑިއޯ ޓްރާންސްމިޝަން ސެންޓަރެއް ފުލުހުން ރެއިޑްކޮށް، ދިވެއްސަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި ލަންކާ މީހެކެވެ. ލަންކާގެ ފުލުހުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، މި މަރުކަޒު ހިންގަމުން ގޮސްފައިވަނީ އާޓިޑިޔާ ސަރަހައްދުގައި ހުންނަ ޓްރެވެލް ކުންފުންޏެއްގެ ނަމުގައި ހިންގާ އޮފީހެއްގެ ތެރޭގައެވެ.
މި ރެއިޑްގައި ފުލުހުން ވަނީ ގާތްގަނޑަކަށް 50 މިލިއަން ރުޕީސްގެ އަގުހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި، ސެޓެލައިޓް ޑިޝްތަކާއި، ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ސްޓާލިންކް ޔުނިޓެއްގެ އިތުރުން ޓްރާންސްމިޝަންއަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް ހިމެނެއެވެ.
ފުލުހުންގެ ފުރަތަމަ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ތަނުން ވަނީ އަމިއްލަ ޓެލެކޮމް ކުންފުންޏެއްގެ ޑޭޓާ ބޭނުންކޮށްގެން ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑްކޮށްފައެވެ. އަދި އެ ޗެނަލްތައް ސްރީލަންކާގެ އިތުރުން ރާއްޖެއާއި އެހެނިހެން ގައުމުތަކުގެ ކަސްޓަމަރުންނަށް ގަވާއިދާ ހިލާފަށް ފޯރުކޮށްދެމުން ގޮސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވިނަމަވެސް، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ސްރީލަންކާގެ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
