މާލޭ ގެއެއްގެ ތަޅުން ދަށުން 42 ކިލޯގެ މަސްތުވާތަކެތި ހޯދާ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ވިދާޅުވީ އެ މަސްތުވާތަކެތި ހޯދައިފާ ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން އިއްޔެއިން ފެށިގެން ހިންގަމުންދާ އޮޕަރޭޝަނުގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލޭ މާފަންނުގައި ހުރި ގެއެއްގެ ތަޅުމުގެ ދަށުން 42 ކިލޯގެ ހެރޮއިން ހޯދާފައިވާ ކަމަށާއި އެއާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ސީޕީ އިތުރަށް ވިދާޅުވީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދޭތެރެ ދޭތެރެއިން އަތުލައިގަނެއެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ވެސް ޕިކަޕަކަށް އަރުވަގެން ގެންދަނިކޮށް ސޯސަން މަގުން ހުއްޓުވާ ފުލުހުން ވަނީ 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ފުލުހުންވަނީ 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން 3 މީހަކު ހައްޔަރުވެސްކޮށްފައެވެ.

ގިނަ އަދަދުން މަސްތުވާތަކެތި އަތުލައިގެން ނަމަވެސް އެ މައްސަލަތަކުގައި ފުލުހުން ކަން ކުރާ ގޮތުން، ނުވަތަ ޗެއިން އޮފް ކަސްޓަޑީ ގޯސްވެގެން ގިނަފަހަރަށް މައްސަލަތައް ސާބިތެއް ނުވެއެވެ. ކޯޓު މަރުހަލާ ތަކުގައި ތުހުމަތުވާ އެންމެން ގިނަ ފަހަރު ހުރީ ދޫވެފައެވެ.