މޫނު ނިވާކޮށްގެން ހުރި މީހަކު އައްޑޫ ސިޓީގެ ފިހާރައަކަށް ވަދެ، ބިރުދެއްކުމަށް ފަހު ފޭރިގެންފިއެވެ.

ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވަނީ އައްޑޫ ހިތަދޫގައި ކޮސްމެޓިކްސް ސާމާނު ވިއްކާ ފިހާރައެއް ކަމަށްވާ އެލްފިން ކޮސްމެޓިކްސް ފިހާރައިންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ދައްކާ ގޮތުގައި ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ހުރި މީހަކު އެ ފިހާރައަށް ވަދެ، ތޫނު ވަޅިއަކުން ބިރު ދެއްކުމަށްފަހު، ކައުންޓަރުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު ފިހާރައިން ނިކުމެގެން ދެއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނެފައިވަނީ ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލައެއް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅި ވަގުތެއް ފުލުހުން ބުނެފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.