ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުން ދޫކޮށް އެ މަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެމްޑީޕީގެ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިނުގައި ބައިވެރިވަޑައިގެންފިއެވެ.

ނީޒަމުގެ ވޯޓާ ގުޅިގެން ދެބައިވެ، ދެ ފެކްޝަން ހެދިފައިވާ އެމްޑީޕީގައި މީގެ ކުރިން ހިސާން ވަނީ ރައީސް ނަޝީދާ އެއްކޮޅަށް ވާހަކަދައްކަވާފައެވެ. އެހެންނަމަވެސް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަނުން އެ މަގާމަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

އެ ދެ ކެނޑިޑޭޓުންވެސް އަތޮޅުތެރެއަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ހިސާން ވަނީ އޭނާ ނިސްބަތްވާ ތުޅާދޫ ދާއިރާއަށް އިއްޔެ ވަޑައިގަތުމުން ފައްޔާޒާއި ޓީމަށް ބަނދަރުމަތިން މަރުހަބާ ދަންނަވާފައެވެ. އެ ކެމްޕެއިން ހަރަކާތުގައި ހިސާން ބައިވެރިވެވަޑައިގަތުމުގެ ކުރިން އޭނާގެ ފިރިކަލުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ފައްޒާރާއެކު އައްޑޫއަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ.

ފައްޔާޒާ އެކު ކެމްޕޭން ދަތުރުގައި އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ހިސާންއާއި ރޮޒައިނާ މީގެ ކުރިން ހިޔާލު ތަފާތުވެ ބަހުގެ ހަމަލާ ބަދަލުކުރި ނަމަވެސް އިއްޔެ ފެނުނު މަންޒަރު ތަފާތެވެ.