ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ގޮވާލާ ހިޔާ ފްލެޓް ލިބުނު މީހުން ހުށަހެޅި 1500 ސިޓީއެއް މިއަދު އެޗްޑީސީއަށް ހަވާލުކޮށްފިއެވެ.

ހިޔާ ޔޫނިއަނުން ބުނީ، ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ޝަކުވާތައް އިއްވުމަށް އެ ޔޫނިއަނުން ހިންގަމުން އަންނަ ހަރަކާތުގެ ތެރެއިން ތިން ބުރެއްގެ މަތިން ހިޔާ ފްލެޓްވެރިންގެ ސިޓީތައް އެޗްޑީސީއަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން މިއަދު ހަވާލު ކުރީ ފުރަތަމަ ބުރުގައި ހުށަހެޅި ސިޓީތައް ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

މިގޮތަށް ސިޓީ ހުށަހަޅަން ނިންމީ އެޗްޑީސީއަށް އެ ސިޓީތައް ބަލައިގަތުމަށް ފަސޭހަ ކޮށް ދިނުމަށާއި، ގިނަ ފްލެޓުވެރިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ އިރު، ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ވަނީ ސަރުކާރުން ނިންމާފައެވެ.

ކުލީގެ އަގު ސަރުކާރުން ހާމަ ކުރުމުން ހިޔާ ފްލެޓްވެރިން ވަނީ ކުލި ބިޑުކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. އެގްރިމަންޓްތަކުގައި ސޮއިކޮށް އެ ތަނުގެ ތަޅުދަނޑި ހަވާލު ކުރި އިރުވެސް އެ ނިންމުމަށް ބަދަލެއް ނުގެނައުމުން ކުލި ކުޑަކޮށް ދިނުމަށާއި ގްރޭސް ޕީރިއަޑް އިތުރުކޮށް ދިނުމަށް އެދި ހިޔާ ޔޫނިއަނުން ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. އެ ގޮތުން ފްލެޓް ވެރިން ނުކުމެ އިހްތިޖާޖެއް ވެސް ވަނީ މީގެ ކުރިން ހިނގައި އެ ޝަކުވާތައް ރައީސް އޮފިހަށާއި ހައުސިން މިނިސްޓްރީއަށާއި، މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފައެވެ.

އިހުތިޖާޖުގެ ކުރިން ހިޔާ ޔޫނިއަން އިން ވަނީ މިދިޔަ ޖޫން އެއްވަނަ ދުވަހު ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި އެ ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.

މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައި ވެއެވެ.