އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބާއްވާ "ނޭވާހޮޅިއަށް" އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން އެންގި ނަމަވެސް، ހަރަކާތް ރާވާފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން ބާއްވާ "ނޭވާހޮޅިއަށް" އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ރަސްމީކޮށް އަންގާފައިވަނީ އިދިކޮޅުގެ އެ ހަރަކާތް ހިންގާ ކޮމިޓީގެ ބޭފުޅުންނާ އެކު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ، އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިއްބައިދޭ ހައްގެއް ކަމަށްވާއިރު، އިދިކޮޅުގެ އެއްވުން އޮންނާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ހުކުރު ދުވަހަށް ހަރަކާތް ރާވާފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި ގޮތުގައި، ހުކުރު ދުވަހު އެއްވުން ނުގެންދެވޭނެ ކަމަށް ފުލުހުން އަންގާފައިވަނީ އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަށް ފަހުގައެވެ. އޭނާ ވިދާޅުވީ އެ އެއްވުމަކީ ވަކި ބަޔަކަށް ހަމަލަދިނުމަށް ބާއްވާ އެއްވުމެއްނޫން ކަމަށާއި، އެ އެއްވުން ކުރިއަށް ގެންދާނީ ގާނޫނުއަސާސީއާ ގާނޫނުތަކުން ލިބޭ ހައްގުތަކުގެ ތެރެއިން ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅުން ބާއްވާ އެ ހަރަކާތް ހުއްޓުވަން އެދި، މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލައަށް މެންބަރުން ބަހުސްވެސް ކުރައްވާފައިވެއެވެ.