ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، އަންނަ ހުކުރު ދުވަހު މާލޭގައި "ނޭވާހޮޅިއަށް"ގެ ނަމުގައި ބާއްވަން ނިންމާފައިވާ އެއްވުން ހުއްޓުވަން އެދި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި މައްސަލާގައި ޖާބިރު ވިދާޅުވީ، އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ނަފްރަތު އުފެދޭ ގޮތަށް އިދިކޮޅުން ހިންގާ ހަރަކާތުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެގެން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން، ދެ ގައުމުގެ ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލަދޭ ހިސާބަށް ގޮސްދާނެއެވެ. އޭގެ ކުރިން މުހިންމު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި ހުރިހާ ގެއްލުމެއްވެސް ލިބޭނީ އާންމު ރައްޔިތު މީހާއަށް، ދިވެހިންގެ އެތަކެއް ސަތޭކަ ބަޔަކު ބޭސްވެރިކަމަށާއި ތައުލީމަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުޅެމުން ދާއިރު ސިޔާސީ މި ފިތުނައިގެ ސަބަބުން އެ މީހުންނަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި އެއްވެ އުލުމުގެ މިނިވަންކަމުގެ ނަމުގައި ފުރަމާލޭގެ އެއްވެސް ތަނަކަށް އިންޑިއާ އައުޓް، މި ނަމުގައި އެއްވެ، [މި ކަމަކީ] ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާތީ، މިކަން ފުލުހުންނާއި ސިފައިން ނުކުމެ ވަގުތުން ވަގުތަށް ހުއްޓުމަށް ގޮވާލާ މި ކުއްލި މައްސަލަ ހުށަހަޅަން."
ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު

ޖާބިރު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރަން ނިންމެވީ، މަޖިލިހަށް ހާޒިރުވި 38 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓާ އެކުގައެވެ. ދެ މެންބަރުން ވަނީ އެ މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

އަންނަ ހުކުރު ދުވަހު އިދިކޮޅުން ބާއްވާ އެއްވުން ހުއްޓުވުމަށް އެދި، ޖާބިރު ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވަނީ، އިދިކޮޅުގެ އެ އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް، މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ. އިމްރާން ވިދާޅުވި ގޮތުގައި، އެއްވުން ބޭއްވުމުގެ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާ ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް، ހޯމް މިނިސްޓްރީން އެފަދަ ބައްދަލުވުމެއް ނުބާއްވާ ކަމަށް އިދިކޮޅުން ބުނެއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން، އިދިކޮޅުން ވަނީ އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ފުޅާކޮށްފައެވެ. އެގޮތުން، އެ ހަރަކާތް ރަށްރަށަށް ފުޅާކޮށްފައިވާއިރު، ޔާމީން ވަނީ ބައެއް ރަށްރަށަށް ވަޑައިގެން އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

އެއާއެކު، ސަރުކާރު ހިންގާ އެމްޑީޕީން ވަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފާސް ކުރުމަށް ފަހު، ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށް ހުށަހަޅާފައެވެ.