އިންސާނުންގެ ބޭނުންތަކާއި ގުދުރަތީ ގޮތުން ލިބިފައިވާ ބިމުގެ ތާޒާ ފެން ފަށަލަ ރައްކާތެރި ކުރުމުގައި ބެލެންސްއެއް ގެންގުޅެ، އަދުގެ ޖީލާއި އަންނަން އޮތް ޖީލުތަކަށް، ރައްކާތެރި ކަމާއެކު ބިމުގެ ތާޒާ ފެންފަށަލަ ފޯރު ކޮށްދިނުމަށް ހުރިހާ ސެކްޓަރުތަކެއް ގުޅިގެން މަސައްކަތް ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯޏިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ގުޓެރޭޒް މިކަމަށް ގޮވާލައްވާފައި ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައެވެ.

އިންސާނީ ދަރިފަސްކޮޅުން ފެނަށް ކުރާ ޑިމާންޑް އިތުރު ވަމުން އަންނަ އިރު، ފެން ލިބޭ ވަސީލަތްތަކަށް ޕްރެޝަރު ބޮޑުވެފައި ވާ ކަން، ގުޓެރޭޒްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ހަނަފަސްކަމާއި އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ މޫސުމީ ހާދިސާތައް އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށާ، ކަނޑުގެ ލޮނުގަނޑު އުފުލި، ބިމުގެ ތާޒާ ފެންފަށާލަ ލޮނުވުމުގެ މައްސަލަތައް ކުރިމަތި ވަމުން އަންނަ ކަންވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ފެނަކީ ހަމަނުޖެހުންތަކުގެ މަސްދަރަކަށް ވާ އިރު، ގުޅުންތައް ބަދަހި ކުރުމުގެ މަސްދަރެއް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. ބިމުގެ ފެން ފަށަލައަކީ ހަމަލޮލަށް ފެންނަން ނެތް ވަސީލަތަކަށް ވީ ނަމަވެސް، އެއީ ހަނދާނުން ކައްސާލިޔަ ދީގެން ވާނެ ވަސީލަތެއް ނޫން ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ. ގަލާއި ވެލީގެ އެކި ހިސާބުތަކުގައި ރައްކާ ކުރެވިފައި ވާ ބިމުގެ ފެން ފަށަލައަކީ، ދިޔާ މާއްދާއެއްގެ ގޮތުގައި މި ދުނިޔެއަށް ތާޒާ ފެން ލިބޭ އެންމެ ބޮޑު މަސްދަރު ކަންވެސް ގުޓެރޭޒްގެ ވަނީ ހަނދާންކޮށްދެއްވާފައެވެ.

އދއިން ވަނީ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅުވައިގެން، ވޯލްޑް ވޯޓާ ޑިވަލޮޕްމަންޓް ރިޕޯޓް 2022 ވެސް ލޯންޗްކޮށްފައެވެ. މި އަހަރުގެ ޝިއާރުވެސް ހާއްސަ ކޮށްފައި ވަނީ، ލޮލަށް ފެންނަން ނެތް ބިމުގެ ފެންފަށަލަ، "ފެންނަ" އެއްޗަކަށް ހެދުމުގެ މައްޗަށެވެ. އަދި ބިނާ ކުރަނިވި ގޮތެއްގައި ބިމުގެ ފެންފަށަލަ ރައްކާތެރި ކުރުމަށް ދައުލަތްތަކުން މަސައްކަތް ކުރުމަށް، ރިޕޯޓް މުސައްނިފުން ވަނީ ގޮވާލައްވާފައެވެ.