ގްރޭސް ޕީރިއަޑް އިތުރުކޮށްދީފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި އެޗްޑީސީއަށް ޕެޓިޝަނެއް ހުށަހަޅަން، ހިޔާ ޔޫނިއަނުން ސޮއި ހޯދަން ފަށައިފިއެވެ.

މަހު ކުލީގެ ގޮތުގައި ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ 7،500ރ އެވެ. ސާވިސް ފީގެ ގޮތުގައި ދައްކަންޖެހޭ 1،000ރ ގެ ފީ އާ އެކު ކޮންމެ މަހަކު ކުލީގެ ގޮތުގައި 8،500ރ ދައްކަން ޖެހެއެވެ. ނަމަވެސް އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހޭއިރު، ފްލެޓްތަކުގެ ފިނިޝިން ނިމިފައިނުވުމަކީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.

ހިޔާ ޔޫނިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފްލެޓްތަކުގެ ކުލި ދެއްކޭނެ އެންމެ ކުޑަ މިންވަރަކީ 5،600ރ ކަމަށް ބަޔާންކޮށް ސަރުކާރަށް ހުށަހެޅުމަށްޓަކައި ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށާއި، އިއްޔެ އާއި މިއަދު ހަވީރު 4 އިން ރޭގަނޑު 10 ޖަހަންދެން ހިޔާ ޓަވަރު އެޗް8 ކައިރީ ސޮއިކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ، ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތެވެ. ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއު ގެންގޮސްފައިވަނީ ކޮމާޝަލް ރޭޓުގައި، 20 އަހަރުން ދައްކާ ގޮތަށް، އަށް ޕަސެންޓު އިންޓްރަސްޓުގައި ލޯނު ނަގައިގެން ކަމަށްވާތީއެވެ.

ފުރަތަމަ ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު މަހުން ފެށިގެން ފްލެޓްތަކުގެ ކުލި ނަގާ ގޮތަށެވެ. ނަމަވެސް އެޗްޑީސީން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ގްރޭސް ޕީރިއަޑުގެ މުއްދަތެއް ދިނުމަށް ނިންމާފައެވެ. އެކި ސަބަބުތަކާ ހެދި ގިނަ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިމިފައި ނުވާތީ، މިމަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް އަދިވެސް ނިމިފައި ނުވާއިރު، އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ.