ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތްތަކެއް ހިންގަމުންދާ ކަމަށް ބުނެ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި ކަން ހާމަކުރުމާ އެކު ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް އިންޒާރުގެ މެސެޖުތައް މީހުން ފޮނުވަން ފަށައިފި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އަލްހާން ވިދާޅުވީ، މިއަދު ފުލުހުން ނެރުނު ބަޔާނަކާ ގުޅިގެން އޭނާއާއި އޭނާގެ އާއިލާ މަރާލެ ކަމަށް ބުނެ އިންޒާރުގެ މެސެޖު ލިބިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވަނީ އެ މެސެޖުތަކުގެ ސްކްރީން ޝޮޓެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
އެ މެސެޖުތަކުގައި އަލްހާނަށް އިންޒާރު ދިން ކަމަށް ބުނެ މެސެޖު ކުރި މީހާ ބުނެފައި ވަނީ އޭނާ 2 މިލިއަން ރުފިޔާ ދީފައި ވާނެ ކަމަށެވެ. އެ ފައިސާ އޭނާ އަށް ނުލިބިއްޖެއްޔާ މަރާލެ ކަމަށާއި އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް އެ މެސެޖުތަކުގައި ބުނެފައި ވެއެވެ.
ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތްތަކެއް ހިންގަމުންދާ ކަމަށް ބުނެ ފުލުހުން މިރޭ ބުނެފައި ވީ ނަމަވެސް އެއީ ކޮން ކުންފުންޏަކުން ހިންގަމުންދާ އަމަލެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެކައުންޓް ފްރީޒް ކުރިކަން ހާމަކޮށް އަލްހާން ކުންފުނި، ކިންގްސް ފޮރެކްސްގެ ޓެލެގްރާމް ގްރޫޕުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެކަން ކުރި ވަކި ސަބަބެއް ބީއެމްއެލުން އަންގައިފައި ނުވާ ކަމަށާއި އެކައުންޓް ފްރީޒް ކުރި ނަމަވެސް މިއަދާ ހަމައަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވާ ކަމަށެވެ. އެ ޓެލެގްރާމް ގްރޫޕުގައި މިހާރުވެސް 8000 އެއްހާ މެންބަރުން ތިބި އިރު، އޭގެ ތެރެއިން ބައެއް މީހުން ޓްރޭޑް ކޮށް ލާރި ލިބިފައިވާ ކަމަށް ބުނެފައި ވެސް ވެއެވެ.