ދިވެހިންގެ މެދުގައިވެސް ބޮޑު މަބޫލުކަމެއް ހޯދާފައިވާ އިންސްޓަންޓް ނޫޑްލްސް ބްރޭންޑެއް ކަމަށް ވާ އިންޑޯމީ ނޫޑްލްސްގެ ސްޓޮކް، އެ އުފައްދަމުން އަންނަ އިންޑޮނޭޝިއާއިން މުޅިންހެން ހުސްވެއްޖެއެވެ.
އިންޑޮނޭޝިއާގެ އެކި ހިސާބުތަކަށް މި ކަމުގެ އަސަރު ފޯރާފައި ވާ އިރު، ކަސްޓަމަރުން ދަނީ އިންޑޯމީ ނޫޑްލްސްގެ ސްޓޮކް ނުލިބެނީ ކީއްވެތޯ ސުވާލު ކުރަމުންނެވެ.
ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދެއްކި، މާރުކޭޓެއް ހިންގާ މީހަކު ބުނީ އެހެން ބްރޭންޑްތައް އޭނާ އަތުގައި އެބަހުރި ކަމަށާ، ނަމަވެސް ކަސްޓަމަރުންގެ ކަންބޮޑުވުމަކަށް ވަނީ އިންޑޯމީ ނެތުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ސުވާލުތަކަށް ދޭނެ ޖަވާބެއްވެސް އޭނާގެ އަތުގައި ނެތް ކަމަށް ވަނީ ބުނެފައެވެ.
އިންޑޮނޭޝިއާގެ އިންސްޓަންޓް ނޫޑްލްސް ސިނާއަތުގެ މޭސްތިރީގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑޯމީ ނޫޑްލްސްގެ 19 ބިލިއަން ޕެކެޓް ކޮންމެ އަހަރަކު އުފައްދައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ގައުމަށް ސަޕްލައި ކުރެއެވެ.
ނަމަވެސް ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައާއެކު އިންޑޮނޭޝިއާއަށް ގޮދަން ފުށް ނުލިބުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އިންޑޮނޭޝިއާއަށް އެތެރެ ކުރާ ގޮދަން ފުށުގެ އެންމެ ބޮޑު ސަޕްލަޔަރަކީ ޔޫކްރައިންއެވެ. އިންޑޯމީއަކީ ގޮދަން ފުށުން ތައްޔާރު ކުރާ ނޫޑްލްސްއެކެވެ.
ޔޫކްރައިނުން ގޮދަން އެކްސްޕޯޓް ކުރުން މަޑުޖައްސާލަފައި ވާ އިރު، އެކަމުގެ ސަބަބުން އިންޑޮނޭޝިއާއަށް ފޯރި ސީދާ އަސަރެއް ސާފެއް ނުވެއެވެ. ނަމަވެސް ގޮދަން ފުށުގެ އުފެއްދުންތައް ލިބުން އެ ގައުމުގައި އިންތިހާ ދަތިވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.
މި މަހުގެ ކުރީކޮޅު، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ، ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ އަގުތަކަށް ކުރަމުންދާ އަސަރު، އިންޑޮނޭޝިއާގެ ކާބޯތަކެތީގެ ބާޒާރަށް ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އާދަޔާ ހިލާފަށް ކުލަގަދަ ޕެކެޓްތަކުގައި ބަންދުކޮށްގެން ބާޒާރަށް ނެރޭ އިންޑޯމީ ނޫޑްލްސްއަކީ ކިޔަވާ އިންޑޮނޭޝިއާގެ އެކި ހިސާބުތަކުގައި ކިޔަވާ ކުދިންގެ މެދުގައި އިންތިހާއަށް މަގުބޫލު އެއްޗެކެވެ.
ބައެއް ހަރުގަނޑުތަކުން އިންޑޯމީ ނޫޑްލްސް ހުސްވެފައި ވާއިރު، ލިބެން ހުރި ތަންތަނުގައި އަގު ވަނީ އުފުލިފައެވެ. އެގޮތުން 40 ޕެކެޓުގެ އިންޑޯމީ ކޭހެއްގެ އަގު، 6.85 ޑޮލަރުން 7.15 ޑޮލަރަށް އުފުލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑޯމީ ނޫޑްލްސްގެ ސްޓޮކް ހީނަރުވެގެން އުޅެނީ ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ކަމެއް އެކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.