ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރަމުން އަންނަ ސައުދީ އަރަބިއްޔާއިން ހަކަތައިގެ ސިނާއަތަށް ކުރާ ހޭދަ އިތުރު ކުރުމަށް، ސައުދީގެ ދައުލަތުން ހިންގަމުން އަންނަ ތެޔޮ ކުންފުނި (އަރަމްކޯ) އިން ރާވަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

އަރަމްކޯއިން ހަކަތައިގެ ސިނާއަތުގައި އިންވެސްޓް ކުރާ މިންވަރު އިތުރު ކުރުމަށް އަމާޒު ހިފާފައި ވާ އިރު، 2021 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާ ވަނީ 2 ގުނަ އިތުރުވެފައެވެ.

އަރަމްކޯއިން ވަނީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ތެޔޮ އުފައްދާ މިންވަރުވެސް ބޮޑުތަނުން އިތުރު ކުރުމަށް އަމާޒު ހިފާފައެވެ.

ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ އަގުތަކަށް ބަލާއިރު، ސަޕްލައިއަށްވުރެ ޑިމާންޑް އިތުރުވެ، ތެލާއި ގޭހުގެ އަގުތައް ވަނި ރެކޯޑް މިންވަރުތަކަކަށް އުފުލިފައި ކަން ފާހަގަ ކުރަން ޖެހެއެވެ.

ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުން އަރާފައި ވާ އިރު، ރަޝިއާގެ ހަކަތައިގެ ސިނާއަތަށް ބަރޯސާވުމަށް ބައިނަލްއަގުވާމީ ބާޒާރުތަކުން ފަސްޖެހެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ހަކަތައިގެ އިތުރު ސަޕްލައިތައް ހޯދުމަށް ވަނީ މަޖުބޫރު ވެފައެވެ.

ސައުދި އަރަބިއްޔާއަކީ މުޅި ދުނިޔޭގެ ތެލުގެ ސަޕްލައި ކޮންޓްރޯލް ކުރަމުން އަންނަ އެންމެ ވަރުގަދަ ކާޓެލް ކަމުގައި ސިފަ ކުރާ އޯޕެކްގެ މެންބަރު ގައުމުތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދާ ގައުމެވެ. ސައުދީއިން ތެޔޮ އުފައްދާ މިންވަރު އަދިވެސް އިތުރު ކުރުމަކީ، ފާއިތުވީ 14 ވަރަކަށް އަހަރު ދުވަހު ނުއުފުލޭހާ މައްޗަށް ގޮސްފައި ވާ ހަކަތައިގެ އަގުތައް ކޮންޓްރޯލް ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

އަރަމްކޯއިން ވަނީ އެ ކުންފުނިން ރައުސުލްމާލަށް ކުރާ ހޭދަ މި އަހަރު 45-50 ބިލިއަން ޑޮލަރާ ދެމެދު މިންވަރަކަށް އިތުރު ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި އަދަދު އިތުރު ކުރަމުން ދާނެ ކަމަށެވެ. އަރަމްކޯއިން މިދިޔަ އަހަރު ރައުސުލްމާލަށް ހޭދަ ކުރީ 31.9 ބިލިއަން ޑޮލަރެވެ.

މިއާއެކު ދެމެހެއްޓެނިވި ގޮތެއްގައި ސާފު ނުކުރާ ތެޔޮ، ބާޒާރަށް ސަޕްލައި ކުރާ މިންވަރު، 2027 ވަނަ އަހަރު އަންނައިރު، ދުވާލެއްގެ މައްޗަށް 13 މިލިއަން ފީފާއަށް އިތުރު ވެގެން ދާނެއެވެ. ފެބުރުއަރީ މަހު ސައުދީއިން ދުވާލެއްގެ މައްޗަށް އުފެދީ 10 މިލިއަނެއްހާ ފީފާގެ ތެލެވެ.