ރާއްޖޭގެ ތިން ސަރަހައްދެއްގައި "ނޭޝަނަލް ފިއުލް ރިޒާވް" އެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމުގައި ރާއީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތައް ތެލަށް ޖެހިދާނެކަމުގެ ބިރު ހީވެފައިވާއިރު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައިވެސް ތެޔޮގެ ރިޒާވެއް ހުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެ ގޮތުން ތިން ފޭސްއަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮގެ ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީގެއިން ކޮންމެ ފޭސްއެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން 150 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިއީ ގިނަ ދުވަސް ނަގާނެ މަޝްރޫއަކަށް ވާއިރު، މިކަމަށް ހަތަރެއް ނުވަތަ ފަސް އަހަރު ހޭދަވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފަންޑު ހޯދުމާ، މިއީ ސްސްޓެއިނަބަލް ކަމެއްތޯ ބަލާ، މިކަމުގެ ދިރާސާތައް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ކޮމެޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ހީނަރުކަމެއް އަންނަނީ ތެލަށް ކަމަށެވެ. ރާއްޖޭގައި ނޭޝަނަލް ފިއުލް ރިޒާވްއެއް ގާއިމް ކުރުމަށް ރައީސްއަށް ފެނިވަޑައިގަންނަވާކަން ހާމަކުރައްވަމުން ޒަމީރު ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އެއް އަހަރު ދުވަހަށް ވާ ވަަރަށް ތެޔޮ ރައްކާ ކޮށްފައި ބެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.