މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކާ ގުޅިގެން، ރަޝިއާއިން ތެޔޮ ގަތުމަށް އެމެރިކާއިން އިންޑިއާއަށް ދީފައިވާ ހާއްސަ ހުއްދައިގެ ދަށުން، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ. މިއީ އީރާނާއި އިސްރާއީލު އަދި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހުރުމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ހުރަސްއެޅި، ދުނިޔޭގެ ހަކަތައިގެ ބާޒާރު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން ނިންމި ނިންމުމެކެވެ. ދުވާލެއްގެ މައްޗަށް 5.8 މިލިއަން ފީފާގެ ތެޔޮ ބޭނުންކުރާ އިންޑިއާއަކީ އެ ގައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ އެހެން ގައުމުތަކުން އެތެރެކުރާ ގައުމަކަށް ވާއިރު، މެދުއިރުމަތީގެ މައްސަލަތަކުގެ ސަބަބުން އެ ގައުމުގެ ހަކަތައިގެ ސަލާމަތްތެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކާ ގުޅިގެން، ރަޝިއާއިން ތެޔޮ ގަތުމަށް އެމެރިކާއިން އިންޑިއާއަށް ދީފައިވާ ހާއްސަ ހުއްދައިގެ ދަށުން، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ. މިއީ އީރާނާއި އިސްރާއީލު އަދި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހުރުމޫޒު ކަނޑުއޮޅިން ތެޔޮ އުފުލުމަށް ހުރަސްއެޅި، ދުނިޔޭގެ ހަކަތައިގެ ބާޒާރު ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން ނިންމި ނިންމުމެކެވެ. ދުވާލެއްގެ މައްޗަށް 5.8 މިލިއަން ފީފާގެ ތެޔޮ ބޭނުންކުރާ އިންޑިއާއަކީ އެ ގައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ އެހެން ގައުމުތަކުން އެތެރެކުރާ ގައުމަކަށް ވާއިރު، މެދުއިރުމަތީގެ މައްސަލަތަކުގެ ސަބަބުން އެ ގައުމުގެ ހަކަތައިގެ ސަލާމަތްތެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހު ވަނީ، ކަނޑުމަތީގައި ތާށިވެފައި ހުރި ރަޝިއާގެ ތެޔޮ ގަތުމަށް އިންޑިއާއަށް 30 ދުވަހުގެ ވަގުތީ ހުއްދައެއް ދީފައެވެ. މީގެ ކުރިން އެމެރިކާއިން ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ދަތިކުރުމުގެ ގޮތުން، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހުއްޓުވުމަށް 25 އިންސައްތައިގެ ޓެރިފެއް ތަޢާރަފުކޮށް، ރަޝިއާގެ ބޮޑެތި ތެޔޮ ކުންފުނިތައް ކަމަށްވާ ރޮސްނެފްޓް އަދި ލުކްއޮއިލްއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މިއަހަރުގެ ޖަނަވަރީ މަހު އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަ މިންވަރު ދުވާލަކު 1.1 މިލިއަން ފީފާއަށް ދަށަށް ގޮސްފައިވެއެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ތެލުގެ އަގު އިންތިހާއަށް އުފުލިދާނެކަމުގެ ބިރު ބޮޑުވުމުން، އެމެރިކާއަށް ވަނީ އެ ގައުމުގެ ސިޔާސަތު ވަގުތީގޮތުން ބަދަލުކުރަން މަޖުބޫރުވެފައެވެ.

އިންޑިއާއިން އާންމުގޮތެއްގައި ތެޔޮ އެތެރެކުރަނީ ސައުދީ އަރަބިއްޔާ އާއި އިރާގު ފަދަ މެދުއިރުމަތީގެ ގައުމުތަކުންނެވެ. ނަމަވެސް، ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހުރުމޫޒު ކަނޑުއޮޅީގައި އީރާނުން މައިން ވަޅުލައި، ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭން ފެށުމާ ގުޅިގެން، އިންޑިއާއިން ވަނީ އެ ގައުމުގެ ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ރަޝިއާއަށް ބަރޯސާވާ މިންވަރު އަލުން އިތުރުކޮށްފައެވެ. ފާއިތުވި މާޗް މަހު އިންޑިއާއިން ރަޝިއާއިން އެތެރެކުރި ތެލުގެ މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 50 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، ދުވާލެއްގެ މައްޗަށް 1.5 މިލިއަނުން ފެށިގެން 1.98 މިލިއަނާ ދެމެދުގެ އަދަދަކަށް ފީފާގެ ތެޔޮ އިންޑިއާއިން ވަނީ ރަޝިއާއިން ގަނެފައެވެ. މިއީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން އިންޑިއާއިން މިހާ ގިނަ އަދަދަކަށް ރަޝިއާ ތެޔޮ ގަތް ފުރަތަމަ ފަހަރެވެ.

ސިންގަޕޫރުގެ ކޮންސަލްޓަންސީ ކުންފުންޏެއް ކަމަށްވާ ވަންޑާ އިންސައިޓްސްގެ ބާނީ ވަންދަނާ ހަރީ ވިދާޅުވި ގޮތުގައި، އިންޑިއާއިން ދަނީ އެ ގައުމަށް ލިބެން ހުރި ހުރިހާ ރަޝިއާ ތެލެއް ގަންނަމުންނެވެ. އަދި ފާރިސީ ގަލްފުން ތެޔޮ ލިބުމުގައި ދަތިތަކެއް ހުރިހާ ހިނދަކު، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަ މިންވަރު އެންމެ މަތީ ދަރަޖައެއްގައި ހިފަހައްޓާނެކަމަށް ލަފާކުރެއްވޭކަމަށް އޭނާ ވިދާޅުވިއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، އިންޑިއާގެ އިގުތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ތެލުގެ އަގު ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އިންޑިއާގެ ވިޔަފާރީގެ ޑެފިސިޓް ބޮޑުވެ، އިންފްލޭޝަން މައްޗަށް ދިއުމުގެ ބިރު އެބައޮތެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް އަވަސް ހައްލެއް ނުލިބި ދިގުލައިގެން ހިނގައްޖެނަމަ، ދުނިޔޭގެ ތެލުގެ ބާޒާރު އިތުރަށް ގޯސްވެ، ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ބިރު އެބައޮތެވެ. މި ހާލަތުގައި، އިންޑިއާއަށް ދީފައިވާ 30 ދުވަހުގެ ހުއްދައިގެ މުއްދަތު އޭޕްރީލް މަހުގެ ކުރީކޮޅު ހަމަވުމުން، އެމެރިކާއިން އެ މުއްދަތު އިތުރުކޮށްދޭނެކަމަށް އިންޑިއާގެ ތެޔޮ ސާފުކުރާ ކުންފުނިތަކުން އުއްމީދުކުރެއެވެ. އެހެން ނޫންނަމަ، ބަދަލުގައި ތެޔޮ ހޯދާނެ އެހެން ގޮތްތަކެއް މަދުވުމުގެ ސަބަބުން، އިންޑިއާގެ އިގުތިސާދަށާއި އާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުތައް ފޯރުމަކީ އެކަށީގެންވާ ކަމެކެވެ.