ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން ބޮޑެތި އިންވެސްޓްމެންޓުތަކެއް ކޮށްފައިވާކަމަށް މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ހަކަތައިގެ ސިޔާސަތުތަކާއި، އިސްތިރާޖީތައް ހާސިލުކުރުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިންވެސްޓްމެންޓުތަކެއް ކޮށްފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މި މަސައްކަތުގެ ތެރެއިން ރަށްރަށަށް ބޭނުންވާ ޖަނަރޭޓަރު ގެނައުމާ، އިޔާދަ ކުރުވަނިވި ހަކަތަ އިތުރުކުރުމާ، ނެޓްވޯކް ސިސްޓަމް ރަނގަޅުކުރުމާއި، އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ބޭނުންވާ ބެޓެރީ ސްޓޯރޭޖް އިތުރުކުރުމާއި، އަދި މިދާއިރާގައި މަސައްކަތް ކުރާ މީހުން ތަމްރީނު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ޖުމްލަ 115 މެގަވޮޓުގެ ކެޕޭސިޓި ހިމެނޭ 157 ޖަނަރޭޓަރު އެކި ރަށްރަށުގައި މިހާރު ބެހެއްޓިފައިވާކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަށްރަށުގެ ތަރައްގީ އާއެކު އިތުރުވަމުންދާ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި 6 އައު އިންޖީނުގެއެއް އިމާރާތް ކުރެވިފައިވާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އަދިވެސް ވަރަށް ގިނަ ރަށްރަށުގައި ޖަނަރޭޓާ ޕަވާ ހައުސްތައް އިމާރަތް ކުރަން ޖެހޭކަމަށާއި، މީގެ ތެރޭގައި ވޭތުވެދިޔަ ސަރުކާރުން ހަދަން ފަށައި ހުއްޓާލާފަ ހުރި ޖަނަރޭޓާ ޕަވާ ހައުސްތައް ހިމެނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މަސައްކަތް ހުއްޓިފައިހުރި ޕަވާ ހައުސްތަކަށް އަލިއަޅުވާލާ މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ، ގއ. ވިލިނގިލި، ތިނަދޫ، އަދި ކުޅުދުއްފުށި ޕަވާ ހައުސްގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިމަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް ކަަމަށެވެ.
