ސައިރިކްސް ކޮލެޖުން މިއަހަރު 600 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ރޭ ގިޔާސުއްދީނު ސުކޫލް ހޯލުގައި ބޭއްވި ސައިރިކްސް ކޮލެޖްގެ މިއަހަރުގެ ދަސްވެނިވުމުގެ މިރަސްމިއްޔަތުގައި އެ ކޮލެޖުން ތަފާތު އެކި އެކި ޕްރޮގްރާމްތަކުން ތައުލީމް ހާސިލް ކުރި 646 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ. އޭގެ ތެރޭގައި މާސްޓާސް ލެވެލްގެ ޕްރޮގްރާމް ތަކުން ދަސްވެނިވި 67 ދަރިވަރުންނާއި ޑިގްރީ ލެވެލްގެ ޕްރޮގަރާމް ތަކުން ދަސްވެނިވި 124 ދަރިވަރުން ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ދެވުނު އެންމެ ހާއްސަ އެވޯޑް ކަމުގައިވާ އޮގަރު ފާއިޒާ އެވޯޑް މި އަހަރު ހާސިލް ކުރީ މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ފުރަތަމަ ބެޗްގެ ދަރިވަރު ސައީމާ ތައުފީގެވެ.

ސައިރިކްސް ކޮލެޖުން މި އަހަރު ދަސްވެނިވި ދަރިވަރުން

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ސައިރިކްސް ކޮލެޖް ފާހަގަ ކުރެވެނީ ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅާ ކޮލެޖެއްގެ ގޮތުގައި ކަމަށެވެ. މަތީ ތައުލީމު ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން މި މަސައްކަތުގައި ސަރުކާރާއި ގުޅިގެން ކުރިއަށް ދިއުމަށް ބާރުއަޅުއްވާ އެކަމަށް މިނިސްތަރު ވަނީ ހިތްވަރު ދެއްވާފައެވެ. ދިވެހިރާއްޖޭގެ މަތީ ތައުލީމު ފުޅާކޮށް ފޯރުކޮށް ދިނުމަށް އަމިއްލަ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ސަރުކާރުން ބަލައިގަންނަ ކަމަށް ވިދާޅުވެ އެކަމަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވިއެވެ.

ކޮވިޑްގެ ހާލަތުގައި ކިޔަވައި ދިނުމުގެ ކަންތައްތައް ބައްޓަން ކުރި ގޮތުގެ މައްޗަށް އިޝާރާތް ކުރައްވައި އެ ކޮލެޖްގެ ރެކްޓާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، "ބެކް ޓު ނޯމަލް" ގެ ނަމުގައި ކޮވިޑް 19 ގެ ހާލަތުގައި ބޭނުން ކުރަން ފެށި ޓެކްނޮލޮޖީގެ އާލަތްތަކާ ވަސީލަތްތައް މުޅިން ދޫކޮށް ނުލުމަކީ މުހިއްމު ކަމެއް ކަމަށެވެ. ޓެކްނޮލޮޖީ އަކީ މަތީ ތައުލީމު ފޯރުކޮށް ދިނުމުގެ މުހިއްމު ދައުރެއް އަދާ ކުރާ ވަސީލަތެއް ކަމަށް ބަލައިގަންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ދަސްވެނިން ކުރި ބުރަ މަސައްކަތާއި ހޯދި ކަމިޔާބީއަށް ތައުރީފު ކުރައްވަމުން ކޮލެޖްގެ ރެކްޓަރ ޑރ. ފަވާޒް ވަނީ ދިރިއުޅުމުގެ ސަމުގާއަކަށް ތެދުވެރިކަން ހެދުމަށާއި އާރުކާޓީއަކަށް ހިތްހެޔޮކަން އިސްކުރުމަށާއި އަދި މަންޒިލަކަށް ހިތްވަރާ އެކު ކުރާ ހެޔޮ މަސައްކަތް ހެދުމަށް އިރުޝާދު ދެއްވާފައެވެ.