ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވާއިރު، ރޯދަ މަސް ފެށެން މާ ގިނަ ދުވަހެއް ނެތެވެ. ދިވެހި ގޮތުން ޝައުބާން މަހާއި އިނގިރޭސި ގޮތުން މާޗް މަސް ދެބައިވެފައި ވާއިރު، އަންނަ މަހުގެ 2 ވާ ހޮނިހިރު ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަބަދުވެސް މުސްލިމުންނަށް ހާއްސަ ދުވަހެކެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަހާ ކުރިމަތި ލަނީ ދެ އަހަރު ދުވަސް ވާންދެން ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގައި އުޅުމަށް ފަހުގައެވެ. އެހެންކަމުން، މި އަހަރުގެ ރަމަޟާން މަސް ވަރަށް ހާއްސައެވެ.
ރާއްޖޭން ކޮވިޑް-19 ގެ ކޭހެއް އެންމެ ފުރަތަމަވެސް ފެނިފައިވަނީ މީގެ ދެ އަހަރު ކުރިން، މާޗް 7 ގައެވެ. ރާއްޖޭން ކޮވިޑް ފެނުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އިރު، ރާއްޖެ ފުރަބަންދު ކޮށް، އެ މަހުގެ 25 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަން އިއުލާން ކުރައްވާފައި ވެއެވެ.
ފުރަބަންދާއެކު، ކޮވިޑުން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ފިޔަވަޅުތައް އެޅި އިރު، އެންމެ ފާހަގަ ކޮށްލެވޭ ފިޔަވަޅަކަށް އޮތީ އާންމު ތަންތަނަށް އެއްވެ އުޅުން މަނާކުރުމެވެ. އެގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރިއެވެ. ބައެއް މިސްކިތްތައް އާންމުންނަށް ނުވަދެވޭ ގޮތަށް އެ އަހަރުގެ އޭޕްރިލް 19 އިން ފެށިގެން ބަންދުވެސް ކުރިއެވެ.
ނަމަވެސް، ކޮވިޑާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ސަބަބުން ރޯދަ މަހު މިސްކިތުގައި ޖަމާއަތުގައި ކުރާ ތަރާވީހު ނަމާދު ވެސް މިދިޔަ އަހަރު ކުރަން ޖެހުނީ ގޭގައެވެ. ނަމަވެސް އިސްލާމީ މަރުކަޒުގައި ބަންދުވެގެން (ލޮކްޑައުން ވެގެން) ތިބި 3 މީހަކު ކޮންމެ ރެއަކު ތަރާވީސް ކުރިއެވެ. ރަމަޟާން މަހާ ޖެހިގެން އޮތް ޝައްވާލް މަހުގެ ފުރަތަމަ ދުވަހު ކުރާ ފިތުރު އީދު ނަމާދުވެސް ގޭގައި ކުރަން ޖެހުނު އިރު، އެ މުއްދަތުގައި ހުކުރު ނުކުރެވުމުން، ހުކުރު ނަމާދުގެ ބަދަލުގައި ކުރަން ޖެހުނީ މެންދުރު ނަމާދެވެ. އެއަށް ފަހު، އޭގެ ދެ މަސް ފަހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިސްކިތްތައް ވަނީ އަލުން ހުޅުވާލައިފައެވެ.
ފުރަބަންދާ ގުޅިގެން ރޯދަ މަސް ހޭދަކުރަން ޖެހުނީ ގޭގައި
ރާއްޖޭން ކޮވިޑް ކޭސްތައް ފެނި ފުރަބަންދު ކުރުމުގެ ކުރިން، ކޮންމެ ރޯދަ މަހެއްގެ ހަވީރު އާއިލާއާ އެކު، ކުޑަކުދިން ވަގުތު ހޭދަ ކުރެއެވެ. އެގޮތުން ރޯދަ މަހަކީ ޕާކުތަކަށް ބާރުބޮޑު ދުވަސްވަރެއް ކަމަށް ވާއިރު، ރޯދަ ކުރުކުރުމަށްޓަކައި އާންމު ގޮތެއްގައި ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުން މައިޒާންތަކާއި ޕާކުތަކަށް ދެއެވެ.
ނަމަވެސް ރާއްޖޭން ކޮވިޑް ކޭސްތައް ފެނި ފުރަބަންދުކުރަން ޖެހުމާއެކު، އެޗްޕީއޭއިން އާންމުކުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ގޭގައި މަޑުކުރަން އެނގިއެވެ. އެއާއެކު، ކުޑަކުދިންނާއި އާއިލާތަކުން މުޅި ރޯދަ މަސް ގޭގައި ހޭދަކުރަން ޖެހުނު އިރު، އެޅި ފިޔަވަޅުތަކާއެކު ޕާކުތަކާއި މައިޒާންތައް އޮތީ ފަޅަށެވެ.
ހަމަ އެއާއެކު، އާއިލާއާއި ރައްޓެހިންގެ ތެރޭގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އާއިލާއާ އެކު ވަގުތުތައް ހޭދަކުރުމުގެ ގޮތުން، ރޯދަ ވީއްލަން ކެފޭ ރެސްޓޯރަންޓުތަކަށް ގޮސް އުޅުނު އުޅުންވެސް ހުއްޓުވާލީ ކޮވިޑެވެ. ކޮވިޑާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން، ކެފޭ ރެސްޓޯރަންޓުތަކުން ދެމުން ގެންދިޔައީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. އެ ދުވަސްކޮޅު ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ކައިބޮއި ހެދުމަކީ މަނާ ކަމެކެވެ.
މިފަހަރު ރޯދަ މަހާ ކުރިމަތިލާއިރު، އެއްވެސް ފިޔަވަޅެއް ނެތް
ދެއަހަރުގެ ހަނދާންތައް އެ ދިޔައީއެވެ. އެކި ފަހަރު މަތިން މާލެއާއި ބައެއް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކޮވިޑް ކޭސްތައް ރާއްޖޭގައި ދަށްވާން ފެށުމުން، އެޗްޕީއޭއިން ވަނީ އޭރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ނިންމުމައި، އަމަލުކުރަމުން އައި ބައެއް އުސޫލުތަކަށް ބަދަލުވެސް ގެނެސްފައެވެ.
އެކަމަކު މިއަހަރު ދިވެހިން ރޯދަ މަހާ ކުރިމަތިލަނީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އުސޫލެއް ނެތިއެވެ. ދާދިފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން ރައީސް އިއުލާން ކުރައްވާފައި ވާއިރު، މީގެ ކުރިން އަމަލުކުރަމުން ދިޔަ ބައެއް އުސޫލުތައް ކަމަށްވާ މާސްކް އެޅުމާއި، ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ހަދަން ޖެހޭ ޕީސީއާރު ޓެސްޓު ހެދުން ފަދަ އުސޫލުތައް ބަދަލުކޮށް، މިހަރު ވަނީ އެއްކޮށް ހުޅުވާލާފައެވެ.
އޭގެ އިތުރުން، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމާއެކު، މިއަހަރުގެ ރޯދަ މަހު އާންމުންނަށް އޮންނާނީ މިސްކިތްތައް ހުޅުވާލައި، ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކަށް ރެސްޓޯރަންޓުތަކާއި އާއިލާތަކަށް ޕާކުތަކާއި މައިޒާންތައް ހުޅުވާލައިފައެވެ. އެހެންކަމުން، މިއަހަރު ދިވެހިން ރޯދަ މަހާ ކުރިމަތިލަނީ ކޮވިޑާ ގުޅިގެން އުޅެން ޖެހުނު ހާލަތަށް ފަހު، ކޮވިޑް މަތިން ހަނދާން ނައްތާލައި އުފާވެރި ކަމާއެކުގައެވެ.