ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ އިސްތިގުލާލަށް ގެއްލުން ހުރި މަސައްކަތެއް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު، އަބްދުﷲ ޔާމީން ނޫން އެހެން އެކަކުވެސް ނުކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ވާދަކުރައްވާ އެމްޑީޕީންގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިނިވަން ކަމުގައި ދެމި އޮތީ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރާތީ ކަމަށާއި ހާއްސަކޮށް އަވައްޓެރިންނާއި ރާއްޖެއިން ބާއްވާ ގުޅުމަކީ މިނިވަން ކަން ދެމި އޮތުމުގެ އެއް ސަބަބު ކަމަށެވެ.

ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ނަމުގައި ރައީސް ޔާމީން ހިންގަވާ ހަރަކާތަކީ ވަރަށް ނުރައްކާތެރި ހަރަކާތެއް ކަމަށާއި އެ ކަމުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.

ނަޝީދު ވަނީ އަލުން ވެރިކަމަށް ވަޑައިގަތުމުގެ އުންމީދުގައި ޔާމީން ކުރައްވާ ކަމެއް ކަމަށް ތުހުމަތުވެސް ކުރައްވާފައެވެ. އަދި ޔާމީނު ފަދައިން ގައުމަށް ގެއްލުން ދިން ވެރީން ދިވެހި ތާރީހު ދެކެފައިވާ ކަމަށާއި އެފަދަ ވެރީންނާއިމެދު ރައްޔިތުން ކަންކުރެއްވި ގޮތްވެސް ފެންނާން އެބައޮތް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެެވެ.

ޕީޕީއެމްގެ މެންބަރުނަށް ނަޝީދު ވަނީ ޔާމީނަށް ތާއީދު ކުރެއްވުމާއި ޕީޕީއެމަށް ތާއީދު ކުރެއްވުމަކީވެސް ކުރެއްވުން ރަނގަޅު ކަމެއް ކަމަށާއި އެހެންނަމަވެސް ރާއްޖެ އާއި ދިވެހީންނަށް ގެއްލުންވާނެ ކަމެއް އެއްވެސް ސިޔާސީ ޕާޓީއަކުން އަދި އެއްވެސް ރައްޔިތަކު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅުން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ސިލްސިލާކޮށް ހިންގާ މި ހަރަކާތް ރަށްރަށުގައި ކުރިއަށް ގެންދަން ފެއްޓީ 5 އަހަރުގެ ޖަލު ހުކުމުން ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމަށް ފަހުއެވެ.

އެގޮތުން މި ކެމްޕެއިން ހަރަކާތް ކ. ގުރައިދޫ، ކ. ތުލުސްދޫ، ފ. ނިލަންދޫ، ށ. ފުނަދޫ، ރ. ދުވާފަރު، ރ. މީދޫ އަދި ގދ. ވިލިނގިލިގެ އިތުރުން އދ. މަހިބަދޫގައި ބާއްވާފައި ވާއިރު އެ ރަށް ރަށުގެ ހަރަކާތުގައި ރައީސް ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެ ހަރަކާތުގައި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.

ނަޝީދު މީގެ ކުރިން ތަކުރާކުކޮށް ވަނީ އެ ހަރަކާތަށް ރައްޔިތުންގެ ތާއީދުނެތް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޔާމީން ބައިވެރިވެވަޑައިގެންނަވާ "އިންޑިއާ އައުޓް" ހަރަކާތެއް މިއަދު ޅ. ނައިފަރުގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.