ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ފަނޑިޔާރުން ނުހިފާތީ، ބޮޑެތި މައްސަލަތަކުގައި ހެކި ލިބެން ހުއްޓަސް، ކޯޓުތަކުން ބޮޑެތި ކުށްވެރިން ދޫވެގެންދާ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ބުނީ މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ 12 އަހަރަށް ޖަލަށްލި ހުކުމް މިއަދު ދަމަހައްޓަމުންނެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، އަސްލު ކުށް ސާބިތު ނުވިޔަސް، އެހެން ކުށެއްގެ ހެކި ލިބޭ ހާލަތުގައި އެ ދައުވާގެ ސިފަ ފަނޑިޔާރުން އަމިއްލައަށް ބަދަލުކޮށް، އާ ކުށަށް އަދަބު ދެވޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި މާއްދާއެއް އޮތަސް، އެގޮތަށް އަމަލު ކުރަނީ މަދު ފަހަރެއްގައި ކަމަށެވެ. އެގޮތުން އެހެން ކުށެއް ކުރިކަމުގެ ހެކި ހުރި ކަމަށް ފަނޑިޔާރަށް ފެންނަން އޮންނަ ހާލަތުގައި ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ބޭނުން ނުކުރާ ނަމަ، އެ ކުރެވެނީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށް އެ ހުކުމުގައި ބުނެފައި ވެއެވެ.
އެފަދަ ކުށަކަށް އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް ދީފައި އޮތަސް، މަރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އެގޮތަށް ކޯޓުތަކުން އަމަލު ނުކުރާ ކަމަށެވެ. އަދި ބައެއް ފަހަރު ދައުވާގައި އޮޅުމެއް ނުވަތަ ކުށެއް އޮވެގެން ވެސް ދައުވާ ބޭރުކޮށްލާ ކަމަށާއިި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ކުށްވެރިން ހެކި ހުއްޓާ ދޫވެގެންދާ ކަމަށް އެ ހުކުމުގައި ވެއެވެ.
ކުދިކުދި ކަންކަމުގައި މައްސަލަތައް ބޭރުކޮށްލުމަށް ވުރެ ކޯޓުގެ އިސް ނެގުމުގައި އެކަންކަން ހައްލު ކުރަން ފަނޑިޔާރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެ ހުކުމުގައި ބުނެއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ނާޖާއިޒް ފައިދާ އެއްވެސް ބަޔަކަށް ނެގުމުގެ ފުރުސަތު ނުލިބޭ ގޮތަށް ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެއެވެ. އެ ގޮތުން ކޮންމެ ފަނޑިޔާރެއްގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ވާޖިބަކަށް ވެސް ވާން ޖެހޭނީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމާއި، ހަމަ އެއްގޮތަށް ކުށްވެރިއަކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ނުހައްގު ވީއްލިގެން ނުދާނެކަން ކަށަވަރު ކުރުން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
އެހެން ކުށެއްގެ އަދަބު ދިނުމާ ބެހޭ ގައިޑްލައިނެއްއަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ހާލަތުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ. އެއީ ހުކުމް އިއްވުމުގެ ކުރިން ދުރާލާ ނޯޓިސް ދިނުމާއި، ފަހުން ސާބިތުވި ދައުވާއަށް ޖަވާބުދާރީ ވާން ފުރުސަތު ދިނުމާއި، ހެކިން ހާޒިރުކުރަން އެދެފި ނަމަ އެ ފުރުސަތު ދިނުމާއި، އެހެން ނަމަވެސް އިސްތިއުނާފް މަރުހަލާގައި މިފަދަ ހާލަތެއް އަތުވެއްޖެ ނަމަ، ހުކުމުގައިވާ ގޮތުން ޖެހޭނީ އެ މައްސަލައެއް އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވާށެވެ. އެހެން ކުށެއް ސާބިތުވާ ކަމަށް ނިންމުމުގައި އަބަދުވެސް ބަލަން ޖެހޭނީ އަސްލު ދައުވާގައި ހިމެނޭ ހެކީގެ މައްޗަށާއި އޭގެފަހުން ހާމަވާ ހެކީގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.