ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހައި ކޯޓުން ފައިސަލް އިސްތިއުފާ ދެއްވި ކަމަށް ބުނި ނަމަވެސް ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. ފައިސަލް އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.
ޖޭއެސްސީން ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުން އެމަގާމަށް ފައިސަލް އައްޔަން ކުރަން ނިންމަވާފައިވާ ކަން މިދިޔަ އޭޕްރީލް މަހު ހާމަކުރައްވާފައެވެ. ނަމަވެސް އެ ނިންމުމަށް އެެތައް މަހެއް ވީ އިރު ވެސް ރަސްމީކޮށް މަގާމު ހަވާލުކޮށްފައެއް ނުވެއެވެ.
ނަމަވެސް ފައިސަލް ހުންނެނީ ހައި ކޯޓުގެ ހިންގުމާ ހަވާލުވެއެވެ. އެމަގާމުން ވެސް މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާގެ އިސްތިއުފާއާ އެކު ހައި ކޯޓު ހިންގުން ވަގުތީ ހަވާލުކުރީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.
ފައިސަލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގައެވެ. ފައިސަލް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ.
