ކުރިއަށް އޮތްތަނުގައި އުއްތަމަ ފަނޑިޔާރުގެ މަގާމުން ނުފެނިދާނެ ކަން ހާމަކުރައްވާ ޝަރުއީ ދާއިރާއަށް އަލަށް ނިކުންނަ މީހުންނަށް އަގު ހުރި ނަސޭހަތުގެ ބަސްކޮޅެއް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ދެއްވައިފިއެވެ.

ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ޖަލްސާތަކުން މިހާރު ހުންނެވި ހައިސިއްޔަތުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.

އެ މަގާމުން ރިޓަޔާ ކުރައްވާ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި އިރު މުއުތަސިމް ވަނީ ޝަރުއީ ދާއިރާއަށް 32 އަހަރު ހިދުމަތް ކުރައްވާފައެވެ.

ހުވާކުރި ވަކީލުންނަށް ދޭން ބޭނުންވާ މެސެޖެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވީ ސިއްރު ހިފެއްހެއްޓުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އެއީ އެ މަނިކުފާނު ވަކީލަކަށް ވެވަޑައިގެންނެވިއިރު ވެސް ގިނަ ބަޔަކު ދެއްވި ނަސޭހަތް ކަމަށާއި މުއައްސަސާތަކާއި މީހުންގެ ސިއްރު ހިފަހައްޓަން ޖެހޭ ހާލަތްތަކުގައި އެކަން ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

އެގޮތުން އެކަކުގެ ވާހަކަތައް އަނެކާގެ ގާތުގައި ނުދެއްކުމަށާއި، ބޮޑެތި ކުންފުނިތަކާ އެކު މަަސައްކަތްކުރާއިރު އެ ތަންތަނުގެ ހިސާބުކިތާބު ފެންނާނެ ކަމަށާއި އެކަމަކު އެ ވާހަކަތައް ތިން ވަނަ މީހެއްގެ ގާތުގައި ނުދެއްކުމަށް މުއުތަސިމް އެދިވަޑައިގަތެވެ. ސިއްރު ހިފެހެއްޓުމުގެ މައިގަނޑު އެއް ބޭނުމަކީ އެ ވަކީލަކު މަސައްކަތް ކުރާ ކުންފުންޏެއްގެ އިތުބާރާއި ޔަގީންކަން އޮތުން ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖެ އަށް އަންނަ ބަދަލާއި ތަރައްގީއާ އެކު، ކުރިއަރައިގެންދާ ބަޔަކަށް ވަކީލުން ވާންޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ގާނޫނުތަކަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވުމަކީ މުހިއްމު ކަމެއް ކަމަށް މުއުތަސިމް ވިދާޅުވިއެވެ. މި ދާއިރާގައި ކުރިއަށް ދެވޭނީ ގާނޫނަށް މި އަންނަ ބަދަލުތަކާއި ފެމިލިއާވެ، ޑިވެލޮޕްމަންޓާ އެއްވަރަށް ހިފަހައްޓާލައިގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެ މަގުން ދެވިއްޖެ ނަމަ ވަކީލުންނަށް ދާއިރާގައި ކުރިއެރުމާއި ބާއްޖަވެރިކަން ލިބޭނެ ކަމަށް ވެސް މުއުތަސިމް ވިދާޅުވިއެވެ.