ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެސެޓް ރިކަވަރީ ކޮމިޝަން އުވާލައިިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 14/2018 އިން އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު އުވާލައްވާފައިވާ ކަމަަށެވެ.

މި ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނަކީ ޖަނަވަރީ، 1 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނެކެވެ. އެ ކޮމިޝަން އެފެއްދެވީ ރައީސް ސޯލިހްގެ ވެެރިކަމުގެ ފުރަތަމަ ދުވަހެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އުފައްދާފައިވާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް މިދިޔަ އަހަރުގެ ނިޔަލަށް 15.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަނަށް ވަނީ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ.

މި ކޮމިޝަން އުވާލި އިރު އެތަނުން ބެލި މައްސަލަތަކަށް ވީ ގޮތެއް ނުވަތަ ދެން ހަދާގޮތެއް ނުބުނެއެވެ.