ސަރުކާރުން އުފައްދާފައިވާ ތިން ރިޔާސީ ކޮމިޝަނަކުން ވޭތުވެދިޔަ ހަތަރު އަހަރު 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރިކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތެއް ކަމަށްވާ އައިމަން ލަތީފް ވަނީ ތިން ކޮމިޝަނެއްގެ ފާއިތުވި ހަތަރު އަހަރު ދުވަހު ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހޯދާފައެވެ. އެ ކޮމިޝަންތަކަކީ:

  • މަރު ކޮމިޝަން
  • އެސެޓް ރިކަވަރީ ކޮމިޝަން
  • ކުޑަކުދިންގެ ކޮމިޝަން

މި ހުރިހާ ކޮމިޝަންތަކުގެ ތެރެއިންވެސް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި، ސަރުކާރު ކުންފުނިތަކުގެ ހިޔާނާތް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު 2018 ގައި އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. އެގޮތުން އެ ކޮމިޝަނުން 9.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައި ވާއިރު، އޭގެ 91 ޕަސެންޓު ހަރަދު ކޮށްފައި ވަނީ މެމްބަރުންގެ މުސާރައިގެ ގޮތުގައެވެ.

މަރު ކޮމިޝަނަށް ބަލާލާއިރު، އެ ކޮމިޝަނުގެ ހަރަދުތައް ގާތްގަނޑަކަށް 5.5 މިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން މެމްބަރުންގެ މުސާރައަށް 4.8 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައި ވާއިރު، އެއީ 87 ޕަސެންޓެވެ. އަދި ދަތުރުފަތުރަށް 250،000 އަށް ވުރެ ގިނަ ރުފިޔާވެސް އެ ކޮމިޝަނުން ވަނީ ހަރަދު ކޮށްފައެވެ.

ހަމަ އެހެންމެ، ކުޑަކުދިންގެ ކޮމިޝަނުން ވޭތުވެދިޔަ ދެ އަހަރު އަށް ލައްކަ އަށް ވުރެ ގިނައިން ހަރަދު ކޮށްފައި ވާއިރު، މެމްބަރުންގެ މުސާރައިގެ ގޮތުގައި 739،000 ހަރަދުކޮށްފައި ވެއެވެ. އެއާއެކު، އެ ކޮމިޝަނުން ހަރުމުދާ ގަތުމަށްވެސް 75،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.

ކޮމިޝަންތަކަށް ބޮޑެތި ހަރަދުތައް ކޮށްފައި ވާއިރު، ކޮމިޝަންތަކުން އެކަށީގެންވާ މިންވަރަށް މަސައްކަތްތައް ނުކުރާތީ އާންމުންގެ ފާޑުކިއުންތައް ވަނީ ކޮމިޝަންތަކަށް އަމާޒު ވެފައެވެ.