ހިޔާނާތްތައް ބެލުމުގައި ސަރުކާރު ފެއިލްވެއްޖެ ކަމަށް ވިދާޅެވެ، ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުވާލުމާ ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ ހާއްސަ ކޮމިޝަނެއް އުފައްދައިގެން ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބެލުމާއި އެފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ވެރިކަމަށް އައީ އެވައުދު ވިއްކައިގެން ކަމަށް ވިދާޅުވެ އުޝާމު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އުޝާމް އިތުރަށް ވިދާޅުވީ 3 އަހަރުވީއިރުވެސް އެ ވައުދު ނުފުއްދުމުން އެނގެނީ އެކަންކަން ބެލުމުގައި ސަރުކާރު ފެއިލްވެފައިވާކަން ކަމަށެވެ.

އެ ކޮމިޝަނަކީ ޖަނަވަރީ، 1 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނެކެވެ. އެ ކޮމިޝަން އެފެއްދެވީ ރައީސް ސޯލިހްގެ ވެެރިކަމުގެ ފުރަތަމަ ދުވަހެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އުފައްދާފައިވާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް މިދިޔަ އަހަރުގެ ނިޔަލަށް 15.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަނަށް ވަނީ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ.

މި ކޮމިޝަން އުވާލި އިރު އެތަނުން ބެލި މައްސަލަތަކަށް ވީ ގޮތެއް ނުވަތަ ދެން ހަދާގޮތެއް ނުބުނެއެވެ.