އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި-ކޮރަޕްޝަން ސެންޓަރާއި އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާބެހޭ ގައުމީ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއެވެ. މި ރަސްމިއްޔާތުގައި އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރު (އައިއެފްސީއޭސީ)ގެ އެސިސްޓެންޓް ޑިރެކްޓަރު ޓޮމޮނޯބޫ ކާޔާ ވެސް ބައިވެރިވެވަޑައިގަތެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. މި ޕްރޮގްރާމުގައި ފައިނޭންޝަލް ކްރައިމް އެންޑް އެސެޓް ރިކަވަރީއާ ބެހޭ މައުލޫމާތާއި ގާނޫނު ތަންފީޒްކުރާ އިދާރާތަކުގެ އޮފިސަރުންގެ ގާބިލްކަން އިތުރުކޮށް، ކަމާބެހޭ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް މައުލޫމާތު ހިއްސާކުރުމާއި ނެޓްވޯކިންގެ ފުރުސަތު ހޯދައި ދިނުމާއި ހޯދޭނެ ގޮތްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް އިންޓަޕޯލް އެންސީބީ މާލެ ހިމެނޭހެން ޖުމްލަ 37 މުވައްޒަފުން ބައިވެރިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.