އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޗެޓްލޮގްތަކާ ބެހޭގޮތުން ހައިކޯޓުން ދައުލަތާ ސުވާލުކޮށްފިއެވެ

ހައިކޯޓުން ދައުލަތާ ސުވާލުކޮށްފައިވަނީ ދައުލަތުން ދަށު ކޯޓުގައި ދައްކާފައިނުވާ ޗެޓްލޮގްތަކާ ގުޅިގެންނެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭރުކޮށްލާފައިވަނީ އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައެވެ. ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، ހައިކޯޓުން ވަނީ މިމަހުގެ 13 ވަނަ ދުވަހު އަޑުއެހުންތައް ނިންމާލައި، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާންކޮށްފައިވެއެވެ. ނަމަވެސް ބައެއް ކަންކަން ސާފުކުރުމަށްޓަކައި އަޑުއެހުމެއް މިއަދު ބާއްވާފައިވެއެވެ.

އެގޮތުން ވައިބާ ޗެޓް ލޮގެއް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ކޮން ކަމެއް ސާބިތުކުރަންތޯ އާއި ދަށު ކޯޓަށް ހުށަހެޅިތޯ ބެންޗުން ސުވާލުކުރިއެވެ. ޖަވާބުގައި ދައުލަތުން ބުނީ ވައިބާ ޗެޓަކީ ފޮރެންސިކް ރިޕޯޓުގެ ބައެއް ކަމަށާއި، ސާބިތުކޮށްދޭން ބޭނުންވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނަވައި އެސްއީޒެޑް ބިލަށް ވޯޓުދޭން ރިޝްވަތު ނެންގެވި ކަމަށެވެ. ނަމަވެސް މަހްލޫފްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ދަށުކޯޓުގައި ދައުލަތުން ދައްކާފައިވަނީ މަހްލޫފާއި އަދީބާ ދެމެދު ކުރި އެސްއެމްއެސްގެ ވާހަކަ ކަމަށެވެ.

ވައިބާ ޗެޓް ލޮގްތަކާ ގުޅޭގޮތުން މަހްލޫފް ވިދާޅުވީ، ދައުލަތުން އެ ބުނާ ފަދަ މުއާމަލާތެއް އަދީބާއެކު ވައިބާއިން ކޮށްފައިނުވާނެ ކަމަށާއި، އެ ޗެޓްލޮގް ހުރި އެއްވެސް ފޯނެއްވެސް ނުހުންނާނެ ކަމަށެވެ. އަދި އަދީބުގެ ފޯނުން މެސެޖުކުރަނީ ފުލުހުން ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް އަދި އަދީބުގެ ކުރީގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވެފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެއާއެކު، ދައުލަތުން ބުނެފައިވަނީ އިބްތިދާއީ މަރުހަލާގައި ހެކިތަކަށް ތައުނުކޮށް ބަހުސް ނުކުރެވޭނެ ކަމަށާއި، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މިންވަރަށް ކްރިމިނަލް ކޯޓުގައި ތަފްސީލްކޮށްދީފައިވާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް، މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.