މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ހުޅުމާލެ ފޭސް 2 އިން ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގައި ތުހުމަތުވާ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ކުދިން ބަންދު ކުރުމަށް ހެދި ޑިޓެންޝަރު ސެންޓަރު ނިމުނު ނަމަވެސް 13 އަހަރު ކުއްޖާގެ މަރުގައި ދައުވާކުރި 17 އަހަރުގެ ކުއްޖާ އަނބުރާ ޖަލަށް ބަދަލު ކުރުމުގެ އަމުރު ނެރެދިނުމަށް ހައިކޯޓުން ދެކޮޅު ހެދީ އެ ކުއްޖާ ގޭބަންދަށް ބަދަލު ކުރިއިރު ކުރި އެއްވެސް ޝަރުތަކާ ހިލާފު ވެފައި ނުވާތީ އާއި ގޭ ބަންދުގައި ހުރެ، ޝަރީއަތަށް އެއްބާރުލުން ދޭތީއެވެ. އަދި އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖުވެނައިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއީދު ކުރިއެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ގޭ ބަންދު ކުރަން އެންގުމުގެ ބާރު ފަނޑިޔާރަށް އޮތަސް، އެއީ އެއްވެސް ގައިދެއް ނެތި އޮންނަ ބާރެއް ނޫން ކަމަށާއި ކުއްޖާ ބަންދު ކުރާނެ ތަނެއް ނިންމަން ޖެހޭނީ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށް ފަހު ކަމަށެވެ.
ހައި ކޯޓުން ނިންމި ނިންމުމުގައި އެ ކުއްޖާއަކީ ކޯހެއްގައި ބައިވެރިވެގެން ކިޔަވާ ކުއްޖެއް ކަމަށާއި، ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ މަސައްކަތްތަކަށް އެއްބާރުން ދޭތީ ކަމަށް ބުނި ނަމަވެސް އެކަންކަމަށް އެކަނި ބެލުމުން ނުފުދޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުންޏެވެ. އެއީ އެ ކުއްޖާ ގޭ ބަންދުގައި ހުރުމުން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ކަންބޮޑުވުން ފާޅު ކުރުމާއި އެ ކުއްޖާއަށް އެ ކުށުގެ އިހްސާސް ނުވާ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފައި ވާތީ ކަމަށް އެ ހުކުމުގައި ބުނެއެވެ.
އެހެންކަމުން އެ ކުއްޖާ ގެއަށް ބަދަލުކުރި ކުރުން ރަނގަޅު ކަމަށް ހައި ކޯޓުން ނިންމީ އެފަދަ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމަށް ފަހު ނޫން ކަމަށް ބުނެ އެ ނިންމުން ބާތިލް ކުރާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. ނަމަވެސް ޖުވެނައިލް ކޯޓުން ނެރުނު އަމުރުގެ މުއްދަތު މިހާރު ހަމަވެފައި ވާތީ އާއި އެ ކުއްޖާ ގޭ ބަންދު ކުރުމުގެ އިިތުރު އަމުރު ތަކެއް މިހާރު ނެރެފައި ވާތީ ޖުވެނައިލް ކޯޓުގެ އަމުރު މިހާރު ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދެވެ.
13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ދައުވާއެވެ.
17 އަހަރު ކުއްޖާގެ އިތުރުން މި މައްސަލާގައި އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށް ވެސް ދައުވާ ކޮށް އަންނަނީ އޭނާގެ މައްސަލަ ބަލަމުންނެވެ. ޒިހާންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަކާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ 5 ދައުވާއަކާއި ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ކުރުމުގެ ދައުވާއަކާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ކުއްޖަކު ގްރޫ މްކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއަކާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ 3 ދައުވާއެއް ޒިހާންގެ މައްޗަށް ވަނީ އުފުލާފައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮއްޓަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. އެ ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.