ރާއްޖޭގެ ހަ ސަރަހައްދެއްގައި އެއާޕޯޓް އަޅަން ކުރި އިއުލާނާ ގުޅިގެން އެއްވެސް ތަނެއް އަދި ބަޔަކާ ހަވާލުނުކުރާ ކަމަށް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަ ސަރަހައްދެއްގައި އެއާޕޯޓެއް އަޅަން ސަރުކާރުން ކުރި އިއުލާނާ ގުޅިގެން އެކި ޕްރޮޕޯސަލްތައް ހުށަހަޅާފައިވީ ނަމަވެސް، އެއްބަސްވުމަކާ ހިސާބަށް އަދި އާދެވިފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ސަރުކާރުން ދެ އެއާޕޯޓެއް ހުޅުވައި، އަންނަ އަހަރު ނިމުމުގެ ކުރިން ފ. މަގޫދޫ އެއާޕޯޓު ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ.

ނަމަވެސް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެއާޕޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ނުދާނަމަ، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ވިޔަސް، ނުވަތަ މޮޑެލް ބަދަލުކޮށްގެން ވިޔަސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓު އެޅުމަށް ހުޅުވާލައި މިނިސްޓްރީން މިދިޔަ މަހު އިއުލާންކުރި ބީލަމުގައި ބުނެފައިވަނީ، އެއާޕޯޓު ތަރައްގީ ކުރުމަށް ހުށަހަޅާ އިންވެސްޓްމެންޓުގެ އަދަދު އެ މަޝްރޫއެއްގެ މުގާބިލުގައި ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެ ކަމަށެވެ

ހަ މަޝްރޫއަށް ހޭދަކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ އަދަދު:

  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  • ތ. ވިލިފުށި - 33.3 މިލިއަން ޑޮލަރު
  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  • ފ. މަގޫދު - 8.2 މިލިއަން ޑޮލަރު
  • ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23.6 މިލިއަން ޑޮލަރު

ރ. އަތޮޅުގައި އެއާޕޯޓް އަޅާނެ ރަށެއް ނިންމާފައި އަދި ނެތް ނަމަވެސް އެކަމާ ގުޚޭ މަޝްވަރާތައް ކުރިއަށް ދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.