އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ގަނޑު ކޮޕީ މެންބަރުންނާ ހިއްސާކޮށްފައި ނުވަނީ، އެއްބަސްވުމުގެ ބައެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ ނަމަ އިންޑިއާ އާއި ރާއްޖޭގެ މަސްލަހަތަށް ބުރޫ އަރާފާނެތީ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން، އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން، އިންޑިއާ އާއި ދެމެދު އޮންނަ ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އދ. މަހިބަދޫގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުމުގެ ދަށުން ހުރިހާ ބާރެއް އޮންނާނީ އިންޑިއާގެ ސިފައިންނަށް ކަމަށާއި، އެގޮތުން ހުއްދަނެތި ބޭނުން ވަރަކަށް ހަތިޔާރު އެތެރެކޮށް، އެތަން ތަރައްގީ ކުރުމުގެ ނަމުގައި ދިވެހި ސިފައިންގެ ހުއްދަނެތި އިންޑިއާގެ ސިފައިންނަށް އެތަނަށް ވަދެވޭނެ ކަމަށެވެ.

ނަމަވެސް، އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅިގެން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިސްވެރިން މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރެވުނު ކަމަށާއި، ވަކިވަކި އެއްބަސްވުންތަކުގެ ޕްރެޒެންޓޭޝަންތައް އެމްއެންޑީއެފުން ދީފައިވާއިރު، މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނަށް އަސްލު އެއްބަސްވުން ހިއްސާކުރެވުނު ކަމަށާއި، އެ އެއްބަސްވުމަކީ ސޮއިކޮށްފައިވާ އެއްބަސްވުމެއްކަން ކޮމިޓީގެ މުގައްރިރު ކަށަވަރު ކޮށްދެއްވާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެކަމަކު، އެ އެއްބަސްވުމުގެ ގަނޑު ކޮޕީ ހިއްސާކޮށްފައި ނުވަނީ އެ އެއްބަސްވުން ސޯޝަލް މީޑިއާގައި އާންމުވެއްޖެ ނަމަ މަސްލަހަތަށް ބުރޫއަރާފާނެ ކަމަށް ފެންނާތީ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

"އެ އެއްބަސްވުންތަކުގެ ހާޑް ކޮޕީ މެންބަރުންނަށް ހިއްސާކުރެވިފައި ނުވަނީ އެއްބަސްވުމަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވެފައިވާ އެއްބަސްވުންކަމަށް ވެފައި، އެއްބަސްވުމުގެ އެއްވެސް ބައެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ ނަމަ ދެ ގައުމުގެ މަސްލަހަތަށް ބުރޫއަރާފާނެ ކަމަށް ކޮމިޓީއަށް ފެންނާތީ."
މުހައްމަދު ނަޝީދު, ރައްޔިތުންގެ މަޖިލީހުގެ ރައީސް

ހަމަ އެއާއެކު، ޔާމީންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، އެ އެއްބަސްވުމުގައިވާ ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ޔާމީން ހަގީގަތާ ހިލާފަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ.

"ދިވެހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމް ކުރުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ފެތުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާތެރިކަން ހުރި އަދި ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށް ވާތީ އަޅުގަނޑު މަޖިލިސް ރައީސްގެ ހައިސިޔަތުން މެމްބަރުންނަށް ދަންނަވަން ޖެހޭ،"
މުހައްމަދު ނަޝީދު, ރައްޔިތުންގެ މަޖިލީހުގެ ރައީސް

ޔާމީން ދައްކަވާފައިވަނީ ހަގީގަތާ ހިލާފު ވާހަކަފުޅެއް ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ޔާމީންގެ ވާހަކަފުޅުތަކަށް ރައްދު ދެމުން ޑިފެންސް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ އެމްއެންޑީއެފްގެ ބޭނުންތަކަށް އަމާޒުކޮށް، އެމްއެންޑީއެފުން ބޭނުންވާ ގޮތަށް ފަރުމާކޮށް، ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ތަރައްގީކުރާ ދިވެހި ދައުލަތުގެ މިލްކުވެރިކަން އޮތް، ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށެވެ.

އެހެންކަމުން، އެތަނަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއް ކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް ކަމަށާއި، ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަމަށާއި، އުތުރު ތިލަފަޅުގައި ތަރައްގީކުރާ އެމްއެންޑީއެފްގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.