ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 110 ފަރާތެއްގެ ފްލެޓްގެ ފިނިޝިން މަސައްކަތްތައް މިއަދާ ހަމައަށްވެސް ނިމިފައިނުވާ ކަމަށް، ހިޔާގައި ދިރިއުޅޭ އާންމުން ތަމްސީލްކުރާ ކޮތަރުކޮށި ޖަމިއްޔާއިން ބުނެފިއެވެ.
ކޮތަރުކޮށި ޖަމިއްޔާއިން ކުރި ދެ ދުވަހުގެ ސާވޭއަކުން ދައްކާ ގޮތުގައި، ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން 110 ފަރާތެއްގެ ފްލެޓްގެ ފިނިޝިން މަސައްކަތްތައް ނިންމަން ހަވާލު ކުރެވިފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް އެ މަސައްކަތްތަކެއް ނުނިމިއެވެ. އެ ފަރާތްތަކުން އެޑްވާންސަށް ލާރި ދައްކާފައިވާއިރު، ބައެއް ފަރާތްތަކުން ޖުމްލަ އަގު ދައްކާފައިވާ ކަމަށްވެސް އެ ސާވޭން ދައްކައެވެ.
އެގޮތަށް އެ 100 ފަރާތުން 33 ކުންފުންޏަކަށް ފިނިޝިންގެ މަސައްކަތްތައް ހަވާލުކޮށްފައިވާއިރު، އެ ކުންފުނިތަކަށް ޖުމްލަ 9.5 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އޭގެ ތެރެއިން 95 ޕަސެންޓު ފަރާތްތަކުގެ ފްލެޓް ނިމޭނެ ތާރީހެއް ނޭނގޭ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ކޮތަރުކޮށި ޖަމިއްޔާއިން ބުނި ގޮތުގައި، ފިނިޝިންގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކުން މަސައްކަތް ނިންމާނެ ކަމަށް ބުނާ ތާރީހު ދިގުކުރަމުން ދާއިރު، އެ ކުންފުނިތަކުގެ އޮފީސްތައް ބަންދުކޮށް، ގުލޭނެ ނަންބަރު ނިވާލާފައި އޮތުމުގެ ސަބަބުން އެ ކުންފުނިތަކާ ގުޅޭނެ އެއްވެސް ގޮތެއް ނެތެވެ. އެ ކުންފުނިތަކުގެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނީ، ސާވޭގައި ބައިވެރިވި ގިނަ ފަރާތްތައް އުޅެނީ މާލޭގައި ކުއްޔަށް ކަމަށާއި، އަންނަ މަހުން ފެށިގެން އެ ފަރާތްތަކުން ހިޔާ ފްލެޓްތަކަށްވެސް ކުލި ދައްކަން ފަށަން ޖެހޭއިރު، އެ ފަރާތްތަކުން މިހާރު ދިރިއުޅޭ ތަން ހިމެނޭހެން ހިޔާ ފްލެޓްތަކަށްވެސް ކުލި ދައްކަން ފަށަން ޖެހޭނެ ކަމަށެވެ.
މި ސާވޭގައި ބަޔާންކޮށްފައި ވަނީ 110 މީހުންގެ މައުލޫމާތު ކަމަށްވީ ނަމަވެސް، މި މައްސަލަތަކުގައި މިއަށް ވުރެ މީހުން އިތުރުވާނެ ކަމަށް ކޮތަރުކޮށި ޖަމިއްޔާއިން ބުނެއެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ފްލެޓް ލިބުނު ފަރާތްތަކުން ހިޔާ ފްލެޓްތަކުގައި އާބާދުވާން ފަށާފައިވާއިރު، އެ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފްލެޓުގެ ވެރިފަރާތުން ފިނިޝިންގެ މަސައްކަތްތައް ކުރާ ގޮތަށެވެ. އެޗްޑީސީން އެންމެ ފުރަތަމަ ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ގްރޭސް ޕީރިއަޑުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ގިނަ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިމިފައި ނުވާތީ، މިމަހުގެ ނިޔަލަށް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
އެ މުއްދަތުގައިވެސް ބައެއް ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް އަދިވެސް ނުނިމިވާއިރު، ފިނިޝިން މަސައްކަތްތައް ހަވާލުކުރި ބައެއް ކޮންޓްރެކްޓަރުން ބޮޑު އަދަދަކަށް ލާރި ނަގައި، މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަދިވެސް ދަނީ ކުރަމުންނެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް އަދިވެސް ނިމިފައި ނުވާއިރު، އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ.