ރޯދަމަހާ ދިމާކޮށް އެސްޓީއޯގެ ސުޕަމާޓްގެ ޖާގަ މިހާރަށް ވުރެ ތިން ގުނަ ބޮޑުކޮށް ހުޅުވަން ތައްޔާރު ވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ސުޕަމާޓް ބޮޑުކޮށް، އަލުން ހުޅުވާއިރު އާންމު ވިޔަފާރިތަކަށް ވެސް ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ސުޕަމާޓް ދެން ހުޅުވާ އިރު މިހާރު ހުރި ސައިޒަށް ވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. ހަމައެއާއެކު މިހާރުގެ ހޯމް އިންޕްރޫވްމަންޓް ޓްރޭޑް ސެންޓަރަކަށް ބަދަލު ކުރާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ސުޕަމާޓް މި މަހުގެ މެދުތެރޭ ހުޅުވަން ނިންމާފައިވާ ކަން ހާމަކުރައްވަމުން އަމްރު ވިދާޅުވީ، އާންމު ވިޔަފާރިތަކަށް ހުޅުވާލި ފުރުސަތުގައި ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި މާލޭގައި ވިއްކާ ބަޔަކަށް މިހާރު އެ ފުރުސަތު ހަވާލުކޮށްފައިވާ ކަމަށެވެ.

ސްޕަމާޓު ބޮޑުކޮށް އަލުން ހުޅުވާ އިރު ކޮސްމެޓިކްސް އާއި، ރީތިވުމަށް ބޭނުންކުރާ ސާމާނާއި، ބޭކަރީތަކާއި، ތަރުކާރީއާއި މެވާ ވިއްކުމުގައި މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ވިޔަފާރިތަކުގެ ރެކުތައް ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ ސަބަބުން އެ ވިޔަފާރިތަކަށް ބޮޑު ކަސްޓަމާ ބޭސްއެއް ލިބި އެ ވިޔަފާރިތަކަށް ތަކެތި ވިއްކާނެ މާހައުލެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.