މާދަމާ އދ. މަހިބަދޫގައި ބާއްވާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް ޔާމީން މަހިބަދޫއަށް ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. މި ހަރަކާތް ބޭއްވުމަށް އެރަށުގައި ގިނަ ތައްޔާރީތައް ދަނީ ވަމުންނެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ސިލްސިލާކޮށް ހިންގާ މި ހަރަކާތުގައި ރަށްރަށުގައި ވެސް އަންނަނީ މި ހަރަކާތް ފުޅާކުރަމުންނެވެ. ރަށްރަށުގައި އެ ހަރަކާތް ކުރިއަށް ގެންދަން ފެއްޓީ 5 އަހަރުގެ ޖަލު ހުކުމުން ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމަށް ފަހުއެވެ.

އެގޮތުން މި ކެމްޕެއިން ހަރަކާތް ގދ. ވިލިންގިލި، ކ. ގުރައިދޫ، ކ. ތުލުސްދޫ، ފ. ނިލަންދޫ، ށ. ފުނަދޫގެ އިތުރުން ރ. ދުވާފަރުގައި ބާއްވާފައި ވާއިރު އެ ރަށް ރަށުގެ ހަރަކާތުގައި ރައީސް ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެ ހަރަކާތުގައި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިމަހު 9 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. އަދި ޕާލިމަންޓްރީ ގުރޫޕްގެ އެދުވަހުގެ ބައްދަލުވުމުގައި ފާސްކުރީ ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށެވެ.

އެ ޑްރާފްޓް މިހާރު އޮތް ގޮތުން ދޭދޭ ގައުމުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލުކޮށް ވާހަކަ ދައްކާނަމަ ހަ މަސް ދުވަހަށް ޖަލަށް ލުމާއި އެއް އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރެވެއެވެ. އަދި 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ.