ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން އަންހެނުން ބާރުވެރިކުރުމަށް "ކޮންފަރެންސް އޮން ވިމެން އެމްޕަވާމަންޓް"ގެ ނަމުގައި ހަރަކާތެއް ބާއްވައިފިއެވެ.

ބީސީއެމް އިން ބުނީ، މި ހަރަކާތުގެ މަގްސަދަކީ އަންހެނުން ބާރުވެރިކުރުވާ، އަންހެނުންނަށް އެންމެ ބޮޑެތި ގޮންޖެހުންތައް ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުގެ ފަންނީ ފަރާތްތަކުގެ ތަޖުރިބާއާއި އިރުޝާދު ބައިވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެ ގޮތުން މަޝްވަރާކުރި މައުލޫތަކުގެ ތެރޭގައި ވިމެން އިން މީޑިއާ، ވިމެން އެންޑް ދަ އިކޮނޮމީ، ވިމެންސް ހެލްތު އަދި ވިމެން އެންޑް އެންވަޔަރަމަންޓް ހިމެނޭ ކަމަށް ބީސީއެމް އިން ބުނެއެވެ.

"ކޮންފަރެންސް އޮން ވިމެން އެމްޕަވާމަންޓް" ނަމުގައި ބޭއްވި ހަރަކާތުގެ ބައިވެރިން / ބީސީއެމް

ޕެނަލިސްޓުގެ ގޮތުގައި މި މައުޟޫތަކަށް ވާހަކަ ދެއްކީ އެޑިއުކޭޓާ އެންޑް ޓީވީ ޕްރެޒެންޓާ އައިމިނަތު ނަމްޒާ، މެޑިފްލެކްސްގެ ޑައިރެކްޓަރު އޮޕަރޭޝަންސް އެންޑް މާކެޓިން އައިމިނަތު ޝާޔަން ޝާހިދު، މިޕްސްޓާގެ ކޮންސަލްޓަންޓް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް އަދި ޕެޑީ ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް ކަމަށް ބީސީއެމް އިން ވަނީ ބުނެފައެވެ.

ޕެނަލިސްޓުގެ ގޮތުގައި އެޑިއުކޭޓާ އެންޑް ޓީވީ ޕްރެޒެންޓާ އައިމިނަތު ނަމްޒާ ވާހަކަދައްކަނީ / ފޮޓޯ:ބީސީއެމް

ބީސީއެމްއިން ބުނީ ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި މި ހަރަކާތަކީ މެންހެޓަން ބިޒްނަސް ހޮޓެލާއި މެންހެޓަން ފިޝް މާކެޓްގެ އެހީތެރިކަމާއެކު ހިންގި ހަރަކާތެއް ކަމަށެވެ.

ބީސީއެމް އިން ބުނީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަގްސަދުގައި ޖެނުއަރީ 14، 2022ގައި އިފުތިތާހުކުރި ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގާ، އަންހެނުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދެމުން ކަމަށެވެ.