ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި ނަމެއްގެ ބަދަލުގައި، އަންހެނުން ބާރުވެރިކުރުވައި ގައުމު ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަނީ، މި އަހަރަކީ ދިވެހި ގާލް ގައިޑް ހިދުމަތަށް 75 އަހަރު ފުރޭ ފަހުރުވެރި އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގައި ދިވެހި ގާލް ގައިޑުންގެ އަގުވަޒަންކޮށް، ފުރަތަމަ ފަހަރަށް ގާލް ގައިޑް ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރައްވަން ފެށުނު ތާރީހީ ދުވަހުގެ ގޮތުގައި ސިފަކުރެއްވިއެވެ.

އަދި ސަރުކާރުން ރަސްމީކޮށް ގާލް ގައިޑް ދުވަސް ފާހަގަކުރަން ފެއްޓެވުމަކީ ކުރިއަށް އޮތް ތަނުގައި މި ހަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި މީހުން ބިނާކުރާ އިރު އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، އެކަމަނާ އިތުރަށް ވިދާޅުވީ، ގާލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

ހަމަ އެހެންމެ ގާލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންވަނީ

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ކޮމިއުނިޓީ ސާވިސް ޓޫލް ކިޓް" ވެސް އިފްތިތާހްކޮށްދެއްވާފައެވެ. މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުމާއި، ކުއާޓާ މާސްޓާ އަދި ފަސްޓް އެއިޑް ބެޖް ހަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ހަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.

1951 ވަނަ އަހަރު ދިވެހިރާއްޖެއަށް ތަޢާރަފުކުރެވުނު ގަރލް ގައިޑް ހަރަކާތް، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށްވުރެ ގިނަ ރަށަށް ފުޅާކުރެވި، 14000 އަށް ވުރެ ގިނަ މެންބަރުން ވަނީ މި ހަރަކާތުގައި ރަޖިސްޓްރީކުރެވިފައެވެ. ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއެވެ.