ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު އެކަށީގެންވާ ގޮތެއްގައި ބަޔާން ކޮށްދީފައި ނުވާ ކަމަށް، މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ޕީޕީއެމްގެ ޕީޖީ ލީޑަރު، އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނަށް އިދިކޮޅުގެ ފަރާތުން ރައްދު ދެއްވައި ސަލީމް ވިދާޅުވީ، ރައީސްގެ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ދެއްވާފައިވާ ބަޔާނަކީ "ސިޔާސީ ބަޔާނެއް"ގެ ގޮތުގައި ސަލީމް ވަނީ ސިފަ ކުރައްވާފައެވެ.

އެ ބަޔާނަށް ފާޑު ވިދާޅުވަމުން ސަލީމް ވިދާޅުވި ގޮތުގައި، މިއަހަރުގެ ރިޔާސީ ބަޔާނަކީ އެއްވެސް އަމާޒެއް ނެތި، ރައީސް ދެއްކެވި ހުސް ވާހަކަތަކެއް ކަމަށެވެ.

"އެ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ ނަތީޖާ ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުނެތެރިކަމެއް ނެތް، ދުރު ރާސްތާގެ އަމާޒެއް ނެތި ދެއްކެވި ހުސް ވާހަކަފުޅުތަކެއް. މިއީ ޒިންމާދާރުކަން ކުޑަ އަމަލެއް."
އަހްމަދު ސަލީމް | މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު

ހަމަ އެއާއެކު، ދީނަށް ފުރައްސާރަކޮށް، ހަޖޫޖަހާ މީހުން ތިބީ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައިވާ ކަމަށާއި، އެގޮތުން ކީރިތި ގުރުއާނަށް ހަޖޫ ޖަހައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓުތައް ނެރުނު މީހުން އަދިވެސް ތިބީ ބޮޑެތި މަގާމުތަކުގައި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތްތަކުގެ ހުރުމަތް ކަނޑާ މީހުންނަށް ފިޔަވަޅު ނާޅައި، އެ މީހުން މުޖުތަމައަށް ދޫކޮށްލާފައި ވާއިރު، އެކަންކަމާ އާންމުން ކަންބޮޑުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"މިސްކިތްތަކުގެ ހުރުމަތް ކެނޑުން ހުއްޓުވާކަށް އަދި މިސްކިތްތަކުގައި ފާހިޝް އަމަލުތައް ހިންގުން ހުއްޓުވާކަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާ. މިސްކިތުގެ ހުރުމަތް ކަނޑާ މީހުންނަކީ މޮޔައިން ކަމަށް ހަދައި، އެއްވެސް ފިޔަވަޅެއް ނާޅާ، މިސްކިތްތަކަށް ކުޑަކަމުގޮސް، ކީރިތި ގުރުއާނަށް ކުޅުޖެހުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގާ ފަރާތްތައް މުޖްތަމައު ތެރެއަށް ދޫކޮށްލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް."
އަހްމަދު ސަލީމް | މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު

ނަމަވެސް، ދީނަށް ފުރައްސާރަކޮށް، ހަޖޫޖަހާ މީހުން މުޖުތަމައަށް ދޫކޮށް އެ މީހުން އިސްލާހު ކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ރައީސްގެ ބަޔާނުގައި ބަޔާންކޮށްފައި ނެތުމަކީ ދީން ހިމާޔަތް ކުރުމަށްޓަކައި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަރިވަރުންގެ ފޮތްތަކުން ކީރިތި ގުރުއާންގެ އާޔަތްތައް އުނިކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލައި، ބޭރުގެ ނުފޫޒާއެކު ރާއްޖޭން އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަލީމް ތުހުމަތު ކުރެއްވިއެވެ.

"ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރި ކުރުމަށް މުޅި ދިވެހި އުންމަތް ތެދުވަންޖެހޭ. އެހެންނޫން ނަމަ ދުވަހަކުވެސް ނުދެކޭ ފަދަ ހިތި ތަޖުރިބާއެއް ކުރަން ޖެހިދާނެ." ސަލީމް ވިދާޅުވިއެވެ.