ވިހެއުމާ ގުޅިގެން ފަނޑިޔާރުންނަށް ޗުއްޓީ ލިބޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ގައެވެ. މަޖިލީހުގެ މި ދައުރު ފެށުމާއެކު، މެންބަރުން ވަނީ އެ އިސްލާހަށް ބަހުސް ކުރައްވައި، އެ އިސްލާހު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. އެއަށްފަހު ޖުޑީޝަރީ ކޮމިޓީން އެ އިސްލާހު މިދިޔަ މަހުގެ 23 ގައި ވަނީ ފާސްކޮށްފައެވެ.

ޖުޑީޝަރީ ކޮމިޓީގެ ނިންމުމާ އެއްގޮތަށް، މަޖިލިހުން އެ އިސްލާހު ފާސްކުރީ މިއަދު މަޖިލިހަށް ހާޒިރުވި 57 މެންބަރުންގެ ވޯޓުންނެވެ.

ޝަހީމް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އަދި ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ

ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މިގޮތުން ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ކުންފުނިތައަދި އަމިއްލަ ބައެއް ފަރާތްތަކުން ވެސް ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ.